Live Traffic

Aug 8, 2012

ކޯނީގެ ނިންމުން ނުކުންނާނީ އަޑުގަދަ މީހާގެ ކޮޅަށްތަ؟

ކޯނީ އަކީ ވަރަށް މާތް މަގުސަދެއްގައި އުފެއްދި ތަނެކެވެ. 7 ފެބްރުއަރީގައި ވެރިކަން ބަދަލުވެ ދިޔަ ގޮތާމެދު އުފެދޭ ސުވާލުތަކާއި ކުށް ހީތައް ފިލުވާލުމުގެ ބޭނުމުގައި އުފެއްދި ތަނެކެވެ. ނަމަވެސް، މިއަދު މިވަނީ އޭގެ ބޭނުން ނެތިފައެވެ. ކޯނީގެ ނިންމުން ގަބޫލު ނުކުރާނެކަމަށް ދެފަރާތުން ބުނެފިއެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވަނީ އެއީ ހަމަ ބަގާވާތެއް ކަމަށެވެ. އެކަމުގައި ނަޝީދު އެންމެ ބޮޑަށް ތުހުމަތުކުރާ މައުމޫނު ވިދާޅުވަނީ އެއީ ބަގާވާތެއް ނޫންކަމަށެވެ.

ކޯނީއިން މަސައްކަތްކުރާ ގޮތަށް ބަލާއިރު އެމީހުން ގެންދަނީ އެކި މީހުންގެ ބަޔާންތައް ނަގަމުންނެވެ. ވީޑިޔޯތަކާއި އޯޑިޔޯތައް ހޯދަމުންނެވެ. މިއީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރަން ޖެހޭ ސަބަބުތަކެއް އެބައޮތެވެ. އޭގެ ތެރޭގައި ދޮގު ހަދައިގެން ބަޔާން ދިނުމާއި، ވަކި އަތަކަށް ބުރަވެ ތިބެ ކަމުގެ ހަގީގަތް އޮޅުވާލުމަށް ބަޔާންދިނުމާއި، އަހަރެމެންގެ ތެރޭގައި އެޑިޓުކޮށްފައިވާ ވީޑިޔޯތަކާއި އޯޑިޔޯ ހިމެނެއެވެ.

ކޯނީއަށް މިއަދު އެންމެ އުދަގޫވާނެ ކަމަކީ ހަގީގަތް ހޯދުމެވެ. ތެދުވެރި އިހުލާސްތެރިން މިގައުމުގައި މަދެކެވެ. ވަކި އަތަކަށް ނުޖެހި، ތައައްސުބެއް ނެތި ބަޔާނެއް ދޭނެކަމަށް ބެލެވޭ މީހުން ވަރަށްވެސް މަދެވެ. ކޮންމެ މީހަކުވެސް ވާހަކަ ކިޔައިދެނީ އެމީހަކު ބުރަވާގޮތަކަށް ބާރު ލިބޭގޮތަށެވެ. ބަގާވާތެއް ކަމަށް ނުވަތަ ނޫން ކަމަށް ވިސްނައިދޭން އުޅޭ ގޮތަށެވެ.

މިސާލަކަށް، ބަގާވާތަކަށް ވަކާލާތު ކުރާމިހުން ބުނެއެވެ. ނަޝީދު އިސްތިއުފާދިނީ ފުރާނައަށް ބިރު ދައްކައިގެންނެވެ. އެބިރު ދެއްވި ގޮތް ބުނެދޭން ނޭގޭ އިރު އެކަން އެގޮތަށް ވީކަން ބުނެދޭން ވެގެން ވާހަކަ ހަދާއުޅެއެވެ. މިގޮތުން ފުލުހުން ބަޑި ގެންގުޅުނު ކަމަށް ބުނެއެވެ. ޓީވީ މޯލްޑިވްސްގެ ތަޅަށް ބަޑިޖެހިކަމަށް ބުނެއެވެ. އަދި އެކަމާ ގުޅޭ ފޮޓޯ ދައްކައެވެ. ނަމަވެސް، ބަޑޭރިކޮށީގައި އެދުވަހު ބަޑި ގެންގުޅުނު މީހެއްގެ ވާހަކަ ދައްކާ އެކަކުވެސް ނޫޅެއެވެ.

ނާޒިމް ބުނެލާއިރަށް އިސްތިފާދޭނެ މީހެއް ނޫންކަން ނަޝީދަކީ އެނގޭއިރުވެސް އެގޮތަށް ވިސްނައިދޭން ބަޔަކު މަސައްކަތްކުރެއެވެ. ނަޝީދަކީ ބިރު ފަހަނައަޅައި ގޮސްފައި ހުރި މީހެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާއިރުވެސް، އެމަނިކުފާނަކީ މީހަކު ބުނެލާއިރަށް ބިރުން ތުރުތުރު އަޅައި އިސްތިއުފާދޭވަރުގެ މީހެކޭ ކިޔައިގެން ސަޕޯޓަރުން ވާހަކަދައްކައެވެ. އެމަނިކުފާނުގެ ދަރިންނަށް އަނިޔާކުރި ވާހަކަ ކިޔައިދޭ ބަޔަކުވެސް އުޅެއެވެ. ނަމަވެސް، މިހުންނަނީ ހުދު އެމަނިކުފާނުވެސް ނުދައްކަވާ ވާހަކަތަކެކެވެ.

ކުރިން ނަޝީދުވަނީ އިސްތިއުފާގެ ސިޓީ ލިޔުއްވީ ސިފައިންގެ މައިމަރުކަޒުގައި އިންނަވައިގެން ކަމަށް ވިދާޅުވެފައެވެ. ފަހުން އެނގުނު ގޮތުގައި ސިޓީ ލިޔުއްވީ ރައީސް އޮފީހުގައި އަމިއްލަ އިހުތިޔާރުގައެވެ. ނަމަވެސް، ވާހަކައިގެ ދެކޮޅު ހަމަ ޖެއްސުމަށްޓަކައި ސިފައިންގެ މައިމަރުކަޒުގައި އިންނަވައިގެން އިސްތިއުފާގެ ޑްރާޓް ސިޓީއެއް ލިޔުއްވިކަމަށް ކިޔާ ބަޔަކު ވެސް އުޅެއެވެ. އެއީ ހުދު އެމަނިކުފާނު ވިދާޅު ނުވާ ވާހަކައަކަށް ވީއިރުވެސް މެއެވެ. އަދި އެމަނިކުފާނަކީ ލިޔުއްވުން ތެރިއަކަށް ވެފައި ޑްރާފްޓް ހައްދަވަން ޖެހޭ ވަރަށް ވުރެ ދިވެހި ބަހަށް ފަރިތަ ބޭފުޅަކަށް ވީއިރުވެސް މެއެވެ.

މިގޮތަށް ހަދަ ހަދައިގެން ވާހަކަ ދައްކާ އުޅޭމީހުން އުޅޭއިރު އަދި އެމީހުން ކޯނީއަށް ބަޔާން ދެމުންދާއިރު އެވާހަކަތަކަކީ ތެދެއްތޯ ދޮގެއްތޯ ކޯނީއިން ބަލާބާވައެވެ؟ ބަލަނީ ކިހިނެއް ހެއްޔެވެ؟ މިފަދަ މައްސަލަތަކުގައި ޝަރުއީ ދާއިރާގައި ގޮތްތަކެއް ކަނޑައެޅިފައި ހުރެއެވެ. އެއީ ބަޔާން ދޭމީހާ ލައްވައި ދޮގު ނެހެދުމަށް ހުވާކުރުވުމާއި ތަޖުރިބާކާރު އިންޓަވިޔުކުރާ މީހުން ބޭނުންކޮށްގެން ހަގީގަތް ދެނެގަތުމެވެ.

އަހަރެމެންގެ ތެރޭގައި ތިބި ގިނަ މީހުންނަކީ ތައައްސުބު ގެންގުޅޭ ބަޔަކަށް ވީއިރު އަހަރެމެން ދޭ ބަޔާންތައްވެސް ހުންނާނީ ތެދާއި ހަގީގަތާއި ތިމާ ވިސްނާގޮތަށް ވާހަކަ ހަމަޖައްސާލުމަށް ފޮނިތޮއްޓާއި ކާފޫރު އަޅާފައެވެ. ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބަޔެއްގެ އެންމެ މުހިއްމު ކަމަކަށްވާނީ މިބައިތައް ވަކިކޮށްލުމެވެ. ފޮނިތޮއްޓާއި ކާފޫރު ހޮވާލައި އެމީހާ ދޭ ބަޔާނުގައި ވާ ތެދުވާހަކަ ދެނެގަތުމެވެ. މިކަން ކުރެވޭނެ މީހުން ކޯނީގައި އެބަތިބިހެއްޔެވެ؟ ބަޔާންތައް ދިވެހިން ދީއުޅޭއިރު ދިވެހި ބަސްނޭގޭ ބޭރުގެ ތަޖުރިބާކާރުންގެ ބޭނުން ހިފޭނީ ކިހާ ވަރަކަށް ބާވައެވެ؟

އެކި މީހުންގެ ވާހަކައިގައި ފޮނިތޮއްޓާއި ކާފޫރު ހުންނާނީ އެކިވަރަށެވެ. ދެނެގަންނަން އުދަގޫވާ ސަބަބަކީ މިއީ އެވެ. ހުދު އަހަރެން މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ގިނަ މީހުންނަކީ އެމީހުންގެ ވާހަކާގައި ފޮނިތޮއްޓާއި ކާފޫރު ނޫން އެއްޗެއް ނެތް މީހުންނެވެ. ނަމަވެސް، ދެފަޔަށް ބާރުލާފައި ކޯނީއަށް ބަޔާން ދިނުމަށް ހަރުކޮށް ހިނގާފައި ދާތަން ފެނެއެވެ.

ހުދު ރައީސް ނަޝީދުގެ ހާލަތާމެދު ވިސްނާއިރުވެސް ފެންނަނީ އެމަންޒަރެވެ. އަބްދުއްލޯ ގާޒީ ބަންދުކުރީ ތިމަންނަގެ އަމުރަށް ކަން ވެރިކަމުގައި ހުރެ އެންމެންނަށް ބުނެދީފައި، އަދި އަޑަށް ބާރުލާފައި އަދިވެސް އޭނާ ހިފާ ހައްޔަރުކޮށް ޖަލަށް ލާނަމޭ ބުނެފައި، ހިއުމަން ރައިޓްސް ކޮމިޝަނުން ސުވާލުކުރުމުން ދެނަހުރިކަމަކަށް ނުވިއެވެ. އިސްތިއުފާދެއްވި ސަބަބުކަމަށް ވިދާޅުވި ގިނަ ވާހަކަތައް ވަނީ އެއް ވާހަކަ އަނެއް ވާހަކަ އާ ފުށުއަރާ އޮޅުން ބޮޅުން ވެފައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ކޯނީގެ ނިންމުން ނުކުންނާނީ އަޑުގަދަ މީހާގެ ކޮޅަށްތަ؟"