Live Traffic

Aug 5, 2012

އުމަރު ނަސީރާއި މަހުލޫފު ސިފައިންނާއި ފުލުހުންގެ ކިބައިން މާފަށް އެދެން ޖެހޭނެ

ނާޒިމް ފުލުހުންގެ ތެރޭގައި ހުރެފައި ކުރީގެ ރައީސް ނަޝީދު އިސްތިއުފާދޭން ގޮވާލުމަކީ ރައީސްކަމުން އިސްތިއުފާދޭން ޖެހޭ ސަބަބެއް ނޫނެވެ. އެހެންނަމަ، އެމްޑީޕީއިން ކެނޑިނޭގި ކުރަމުން މިދާ މުޒާހަރާތަކާ ގުޅިގެން ޑރ ވަހީދުވެސް މިހާރު އިސްތިއުފާދީފިއެވެ. ކުރީގެ ރައީސްގެ ބޮލުގައި ބަޑިޖައްސައިގެންނޭ ބުނެ ދެއްކި ވާހަކަތަކަކީ ދޮގެއްކަން މިވަނީ ބޭޒާރުވެފައެވެ. ތިމަން މަނިކުފާނު މަރާލަން އުޅުން ކަމަށް ބުނާ ވާހަކައަކީވެސް ދޮގެކެވެ. އެކަން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓުން ދާދި އަވަހަށް ހާމަވެގެންދާނެއެވެ.

އެމްޑީޕީގެ ހުށައެޅުމަކަށް ޑެންމާކުގެ ޕުރޮފެސަރުންގެ ބަޔަކު ވަނީ އެމްޑީޕީ މެމްބަރުން ދިން މައުލޫމާތުގެ މައްޗަށް ވެރިކަން ބަދަލުވުމާގުޅޭ ގޮތުން ރިޕޯޓެއް ލިޔެފައެވެ. އެރިޕޯޓުގައި ވެރިކަން ބަދަލުވުމަކީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަމަށް ފާހަގަކުރައްވައެވެ. އެރިޕޯޓުގެ 17 ވަނަ ސަފްހާގެ 2 ވަނަ ޕެރެގްރާފް ވިދާޅުވާށެވެ. ބަގާވާތަކީ ދުރާލާ ރޭވިގެން، ވަކި މަގްސަދުތަކެއް ހާސިލުކުރުމަށް ކުރެވޭކަމަށްވާއިރު، މިއިން ވެސް އެނގެނީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވުމަކީ ބަގާވާތެއް ނޫން ކަމެކެވެ.

ފެބްރުއަރީ 7 ގައި ފުލުހުން ކުރި އިހްތިޖާޖަކީ 6 ވަނަ ރޭ ހިނގާދިޔަ ކަންތައްތަކަކާ ގުޅިގެން ހިތްހަމަ ނުޖެހިގެން ހިނގާދިޔަ ކަމެކެވެ. ފެބްރުއަރީ 6 ވަނަ ރެޔާއި 7 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތައް ގާތުން ބަލަމުން ދިޔަ އިންސާފަށް ލޯބިކުރާ، ވަކި ފަރާތަކަށް ނުޖެހޭ، ތައައްސުބު ނުގެންގުޅޭ ކޮންމެ މީހަކަށްމެ އެކަން އެނގޭނެއެވެ. އެއީ އެއްވެސް ހާލެއްގައި އަބްދުއްލޯ ގާޒީއާ ގުޅުން ހުރި ކަމެއް ނޫނެވެ. އެކަން އެއޮތީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުންނާއި އަސްލަމް/އަމީން ރިޕޯޓުންވެސް އެނގޭށެވެ.

ހިތްހަމަ ނުޖެހޭ ކަންތައްތަކާމެދު އިހުތިޖާޖުކުރުމަކީ ފުލުހުންނަށްވެސް ލިބިފައިވާ ހައްގެކެވެ. އަދި ސިޔާސީ ހަރަކާތެއްގައި ބައިވެރިވީކަމަކަށްވެސް ނުވާނެއެވެ. އެހެން ނޫނަސް، ފުލުހުން އިހުތިޖާޖުކުރުމަކީ ކުރީގެ ރައީސް އިސްތިއުފާދޭން ޖެހޭ ސަބަބެއް ނޫނެވެ. އެކަމަކީ ދުރު ވިސްނުންފުޅާއި ހިކުމަތްތެރިކަމާއެކު ދާދި ފަސޭހައިން ހައްލުކުރެވިދާނެ ކަމެކެވެ. އެކަމަކު އެފަދަ ހިކުމަތްތެރި ވިސްނުންފުޅެއް ބޭނުންކުރެއްވުމުގެ ބަދަލުގައި ފުލުހުންނާއި ސިފައިން ކުރިމަތިލުމަށް ގޮވާލައި އެކަން ކޮންޓުރޯލު ނުކުރެވިގެން އިސްތިއުފާދިނުމަކީ އެހެން މައްސަލައެކެވެ.

ފުލުހުންގެ އަމަލުތަކާ މެދު އަދިވެސް ސުވާލު އުފައްދާކަމަށް ވާނަމަ ކޯނީގެ ރިޕޯޓަށް ފަހު އެވާހަކަ ދައްކަން ބާއްވާށެވެ. އެހެން ނަމަވެސް، ސިފައިންނަކީ ރައީސް ނަޝީދަށް އިސްތިއުފާ ދެއްވުމާ ހަމަޔަށް ވަފާތެރިކަމާއެކު ތިބި ބަޔެކެވެ. ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާފައެއް ނުވެއެވެ. އިހުތިޖާޖްކޮށް ފައެއް ނުވެއެވެ. އެކަން އޮތީ މިހާތަނަށް ހާމަވެފައިވާ ވީޑިއޯތަކުންވެސް ފެނިގެން ގޮސްފައެވެ. ނަޝީދުގެ އެދިލެއްވުމާ  އެއްގޮތަށް ފުލުހުންނާ ކުރިމަތިލާން ސިފައިން ފަސްޖެހުނީ ގައުމު ދާހިލީ މައްސަލަ ގަނޑަކުން ސަލާމަތްކުރުމަށެވެ.

މިފަދައިން އޮތް ކަމެއްގައި، ސިޔާސީ ވަކި ބޭނުމެއްގައި އުމަރު ނަސީރާއި މަހްލޫފުވަނީ މިގައުމުގެ ސިފައިންނާއި ފުލުހުންގެ އަގުވެއްޓޭގޮތަށް، އަދި ހިނގާދިޔަ ކަންތައްތަކަކީ ބަގާވާތެއް ކަމަށް އެކަމުގެ ޝައްކު އުފެދިފައިވާ ބަޔަކަށް ގަބޫލުކުރެވޭ ގޮތަށް ވާހަކަތަކެއް ދައްކާފައެވެ. މިއީ ވަރަށް ދެރަ މައްސަލައެކެވެ. މޮޅު ކަމެއް ކަމަށް ހީކޮށް ކުރެވިފައިވާ ސޭކު ކަމެކެވެ. މިފަދަ ނާޒުކު ހާދިސާތަކުން ސިޔާސީ ފައިދާ ނަގާ، ޕޮއިންޓު ހޯދަން އުޅުމަކީ އަހަރެމެންގެ ސިޔާސީ ވެރިންގެ އާދައެއްކަމާ މެދު ޝައްކެތް ނެތެވެ. އެހެން ކަމުން އެދެމީހުން ސިފައިންނާއި ފުލުހުންގެ ކިބައިން މާފަށް އެދެން ޖެހޭނެއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އުމަރު ނަސީރާއި މަހުލޫފު ސިފައިންނާއި ފުލުހުންގެ ކިބައިން މާފަށް އެދެން ޖެހޭނެ"