Live Traffic

Jul 21, 2012

ޑރ ވަހީދުގެ ކެބިނެޓުގައި ހިންގުންތެރިކަމެއް ނެތް

ތައުލީމީގޮތުން ނެގޭ އެންމެ މަތީ ފާހަކީ ޕީއެޗްޑީއެވެ. ގޮތަކަށް ބަލައިގެން ޑރ ވަހީދުގެ ކެބިނެޓު އެކުލަވާލެވިފައި ވަނީ ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. ވަޒީރުންނަށް އައްޔަން ކުރެއްވީ އެންމެ ދަށްވެގެން މާސްޓާސް އޮތް ބޭފުޅުންނެވެ. ނަމަވެސް، ހީކުރެވުނު ފަދަ ހިންގުންތެރިކަމެއް އެބޭފުޅުންގެ ފަރާތަކުން ނުފެނެއެވެ. ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންނެކޭ މާބޮޑު ތަފާތެއް ނުފެނެއެވެ.

ސަބަބަކީ ތޯއެވެ؟ ތައުލީމީ ފާހަކީ މީހާގެ ގާބިލުކަން ނުވަތަ ހިންގުންތެރިކަން އަންގައިދޭ ސަމުގާއެއް ނޫނެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މަތީ ފާސްތަކެއް އޮތަސް ކަމެއް ނުކުރެވޭ ބަޔެކެވެ. ރަނގަޅީ މޮޅުވާހަކަ ދައްކާށާއި ކަންކަމަށް ފާޑުކިޔާށެވެ. ތިމާއާ ޖެހުމުން އެއްވެސް ކަމެއް ނުވެއެވެ. އޭގެ އެއް މިސާލަކީ މިހާރުގެ އިކޮނޮމިކްސް މިނިސްޓަރު އަހުމަދު މުހައްމަދެވެ.

ރޯދަމަހާ ގުޅިގެން ތަކެތީގެ އަގު އުފުލޭނެކަން އެންމެން ދަނެއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ރައީސް ވަހީދު ބޭނުންފުޅުވޭ މެސްވެއެވެ. ނަމަވެސް، އަހުމަދަށް މިވަނީ މިކަމުގެ ހައްލެއް ހޯދައި ނުދެވިފައެވެ. ހަވީރު ނޫހުގައި އޮތް ލިޔުމެއްގައި އޮތްގޮތުން ރޯދަމަސް ފެށުމާއެކު ކާބޯތަކެތި މަދުވެ ތަކެތީގެ އަގު މިވަނީ އުފުލެން ފަށާފައެވެ. އަދި މިހާރު އެސްޓީއޯއިން ވިއްކާ ބަޔެއް ތަކެތީގެ ސްޓޮކު ހުސްވެ، ގަޑުކޮށް ވިއްކުން މިވަނީ ހުއްޓާލެވިފައެވެ.

މިއީ ހަމަ އެންމެ މިސާލެކެވެ. މިފަދަ ކިޔަވައިގެން ތިބި ކަމެއް ނުވާ މީހުން ދައުލަތުގެ އެތަކެއް މަގާމުތަކުގައި އެބަ ތިއްބެވެ. ދައުލަތުގެ މުއައްސަސާތައް ހުއްޓި، އޭގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވެނީ މިމީހުންގެ ސަބަބުންނެވެ. ސަރުކާރުގެ ހިންގުން ބޮއްސުންލައި، މުއައްސަސާތައް އުފެއްދި މަގުސަދު ހާސިލު ނުކުރެވި، ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތް ރައްޔިތުން ބޭނުންވާ ހަލުވިމިނުގައި ރައްޔިތުންނާ ގާތުން ނުދެވެނީ ހަމަ މިފަދަ މީހުންގެ ސަބަބުންނެވެ.

މިއީ ކޮންމެ ގޮތެއް ހަދާފަވެސް ހައްލުކުރަން ޖެހޭ މައްސަލައެކެވެ. މިކަން ހައްލުކޮށް ސަރުކާރުގެ ދުވެލި ހަލުވި ކުރާނީ ކިހިނެއް ހެއްޔެވެ. ހަދަން ޖެހޭ ގޮތަކީ ލޯމަރާފައި މިފަދަ މީހުން މަގާމުތަކުން ދުރުކުރަންވީއެވެ. ކަން ކުރެވޭ ގާބިލު މީހުން ގެންނަން ވީއެވެ. ކަން ކުރެވޭ ގާބިލު މީހުން ދެނެގަންނާނީ އެމީހުންގެ ސެޓިފިކެޓްތަކަކުން ނޫނެވެ. އެމީހުންގެ މަސައްކަތުގެ ތަޖުރިބާއިންނެވެ.

ކަންކުރެވޭ ގާބިލު މީހުންނަކީ އެމީހުންނާ އެކު ތަނަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބަޔެކެވެ. އުފެއްދުންތެރި، ކަންތައްތައް ރަނގަޅުކޮށް، އިސްލާހުކޮށް، ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ހީވާގި ބަޔެކެވެ. ކަންކަމަށް ފާޑުކިޔުމުގެ ބަދަލުގައި ކަންތައްތައް ރަނގަޅުކުރެވޭތޯ ގަދަ އަޅާ އުޅޭ ބަޔެކެވެ. އެމީހުންނަކީ މާމަތީ ފާސްތަކެއް ފަހަރުގައި އޮތް ބަޔަކަށް ނުވެ ހިނގާދާނެއެވެ. ނަމަވެސް، އެފަދަ ފާސް އޮތް ބަޔެކޭ އެއްވަރަށް ވިސްނުން ހިންގާބަޔެކެވެ.

މިސާލަކަށް މައިކުރޯ ސޮޕްޓުގެ ވެރިޔާ ބިލްގޭޓު ނަގަމާތޯއެވެ. އެޕަލް ކުންފުނީގެ ސްޓީވް ނަގަމާތޯއެވެ. އެމީހުންނަކީ މާ މައްޗަށް ކިޔަވައިގެން ތިބި ބަޔެއް ނޫނެވެ. ނަމަވެސް، ވިސްނުން އެހުރީ ޕީއެޗްޑީ ފެންވަރަށް ވުރެން ވެސް މަތީގައެވެ. ހަމަ އެފަދަ މީހުން މިމުޖުތަމައުގައިވެސް އެބަ އުޅެއެވެ. އެމީހުން ހޯދާ އެމީހުންނަށް ފުރުސަތު ދޭންވީއެވެ. ގިނަ ފަހަރަށް ވާގޮތަކީ މަތީ ފާސް އޮންނަ ކަމެއް ނުކުރެވޭ މީހުން އެފަދަ މީހުންނަށް ފުރުސަތެއް ދޭން ބޭނުން ނުވަނީއެވެ. ނޫނީ ހުރަސްއަޅަނީ ތިމާގެ މަގާމު ގެއްލިދާނެތީވެއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ޑރ ވަހީދުގެ ކެބިނެޓުގައި ހިންގުންތެރިކަމެއް ނެތް"