މިއަދު ފެންނަ މަންޒަރުތަކުން
އެމްޑީޕީއަށް އިންތިހާބެއް ކާމިޔާބު ކުރެވިދާނެ ކަމާމެދު ޝައްކެވެ. ސަބަބަކީ
ލީޑަޝިޕުގައި ވަކިން ހާއްސަކޮށް ރައީސް ނަޝީދުގެ ކިބައިގާ ހިކުމަތްތެރިކަމާއި
ދުރުވިސްނުން ނެތީއެވެ. ފުލުހުންނާއި ސިފައިންނަކީ އަދި އެމީހުންގެ އާއިލާތަކުން
ވެސް ވޯޓުލާނެކަން އެނގޭއިރު އެމީހުންނަށް ބާގީންނަށް ގޮވާ، އެމީހުން ރުޅި އެރުވުމުން
ހާސިލުކުރެވޭނީ ކޮން ކަމެއްތޯއެވެ؟ ގައިމު، އެމީހުންގެ ވޯޓެއް ދެނެއް
ނުލިބޭނެއެވެ.
ފުލުހުންގެ ތެރޭގައި ވެސް ވިޔާނުދާ ބަޔަކު
އުޅެދާނެއެވެ. ޔުނީފޯމުގައި އިހުތިޖާޖުކުރި ބަޔަކު ތިއްބެއެވެ. އިންތިހާބު
ކުރެވިފައިވާ ރައީސްގެ އިސްތިއުފާއަށް ގޮވި ބަޔަކުވެސް އެބަ ތިއްބެވެ. ނަމަވެސް،
އެމީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލު އެންމެންނަށް ބާގީންގެ ލަގަބުދީ
މަލާމާތްކުރަން ހެޔޮވާނެ ހެއްޔެވެ؟ މިއީ ހިކުމަތްތެރިކަމެއް ނޫނެވެ. ދުރުވިސްނުން
ނެތުމާއި ލީޑަޝިޕުނެތުމެވެ. އަދި މިކަމުގެ ސަބަބުން ފަހުން ނުކުންނާނެ ނަތީޖާއާ
މެދު ވިސްނާލެވިފައި ނެތުމެވެ.
މިހާރު އެމްޑީޕީއިން ކުރިއަށް ގެންދާ
މުޒާހަރާއަކީ އެޕާޓީގެ އެއްވެސް ގުނަވަނަކުން މަސްވަރާކޮށް ފާސްކޮށްގެން ކުރާ
ކަމެއް ނޫނެވެ. ނަޝީދު ބޭނުން ފުޅުވީމާ އޭނާގެ އައުވާނުން ގޮވައިގެން ކަމެއް
ކުރަނީއެވެ. އެންމެ ފަހަރުވެސް ވިސްނާލުން ކީއްތޯއެވެ؟ މިފަދަ ކަމެއް ކުރަން
ވިސްނާއިރު، އޭގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކާއި އެމްޑީޕީއާ މެދު
އެހެންމީހުން ދެކޭނެ ގޮތް ބަދަލު ނުވާނެތޯއެވެ؟ މިފަދަ ކަމަކުން ޕާޓީއަށް ލިބޭނީ
ގެއްލުންތީ ނުވަތަ ފައިދާތޯއެވެ؟
ރައީސް ނަޝީދުވަނީ ކުރިންވެސް މިފަދަ
ކަންތައް ކުރައްވާފައެވެ. ހުރިހާ ވަޒީރުން އެއްކޮށް އިސްތިއުފާދިނުމަށް ވަޒީރުންގެ
ކިބައިން އެދި ލެއްވިއެވެ. އާހިރު ނަތީޖާއަކީ ކޮބާތޯއެވެ؟ ހީފުޅު ކުރެއްވި ގޮތަށް
ކަންތައް ވެގެން ދިޔަތޯއެވެ؟ ނޫނީ ލިބި ލެއްވީ ކެއްސެއް ނޫންތޯއެވެ؟ އެފަހަރު
އިސްތިއުފާދެއްވި ގިނަ ވަޒީރުންނަށް ރުހުން ނުލިބުމުން ވަޒީރުކަމަށް ނާދެވުނީއެވެ؟
މިފަދަ ކަންކަމުން އިބުރަތް ލިބިގަންނަން ޖެހެއެވެ.
ކޮންމެ އަކަސް، ކޮންމެ ގޮތަކަސް،
ބަގާވާތެއް ނަމަވެސް، ވެރިކަން ބަދަލުވެފައި މިވަނީ ރައީސް ނަޝީދު އިސްތިއުފާދެއްވުމުންނެވެ.
އަދި ސަރުކާރުން ޖާގައެއް އެމްޑީޕީއަށް ނުލިބުނީ ރައީސް ނަޝީދުގެ ވިސްނުންފުޅާ
އެއްގޮތަށް އަމަލުކުރަން ހަދައިގެންނެވެ. މައުމޫނުގެ ބާރު ސަރުކާރުގައި ވަކި
ހިތްޕާލީ ވަޒީރުންގެ މަޖިލީހުގައި އެމްޑީޕީގެ މިނިސްޓަރުން ނެތީމައެވެ.
މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް
އެބުރި ދާކަށް ހުދު އަޅުގަނޑު ބޭނުމެއް ނޫނެވެ. ނަމަވެސް، މިހާރު ކަންތައް ވަމުން
ދާގޮތުން އޭގެ މަލަމަތި ފެނި މާޔޫސް ކަމުގެ ރަޖާލައިގެން އޮތީއެވެ. މިފަދަ
ލިޔުމެއް މިފޮނުވީވެސް އެކަންކަމާމެދު ވިސްނޭލެއް ބޮޑު ކަމުންނެވެ. މިކަންކަމާމެދު
އެމްޑީޕީގެ ހަރު މީހުން ވިސްނާނެކަމާމެދު އުއްމީދު ކުރަމެވެ.
0 comments: on "އިންތިހާބެއް ކާމިޔާބު ކުރެވޭނީ ހިކުމަތްތެރިކަން އިސްކޮށްގެން"
Post a Comment