Live Traffic

May 3, 2012

އަންނިގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މައުމޫނުގެ ތާއީދު އިތުރުވަނީ

ކުރީގެ ރައީސް މައުމޫނަކީ ގިނަ ދުވަސްތަކަކު ވެރިކަން ކުރެއްވި ވެރިއެކެވެ. ހުދު މުހުތާރުކަން ބޮޑުވެ، ކަރަޕްޝަން ގިނަ، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކުގެ ސަބަބުން މައުމޫނުގެ ތާއީދު އައީ ރައްޔިތުންގެ މެދުގައި ފަޑުވަމުންނެވެ. މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައީ އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން ރިޔާސީ ދެވަނަ ބުރުގައި ހިންގި ވަތަންއެދޭ އިއްތިހާދުގެ ހަރާކާތުގެ ސަބަބުންނެވެ.

އިންތިހާބުގައި މައުމޫނު ނާކާމިޔާބުވެ ގިނަ ބަޔަކު މައުމޫނާ ދެކޮޅަށް ވޯޓު ދިނުމުގެ ނަތީޖާއަކީ މައުމޫނު ސިޔާސީ މައިދާނުން އެއް ފަރާތްކުރެވި، ސިޔާސީ ކުރިމަގާމެދު ސުވާލު އުފައްދާލުމެވެ. ކޮރަޕްޝަނުގެ ތުހުމަތުތަކާއި ހިޔާނާތާއި ނުފޫޒު ބޭނުންކޮށްގެން ތިމާގެ މީހުންނަށާއި ރައްޓެހިންނަށް ދައުލަތުގެ މުދަލުން މަންފާތަކެއް ހޯދައިދިންކަމަށް ގިނަ ބަޔަކު ގަބޫލުކުރުމެވެ. އަދި ހުދު މައުމޫނު ވެސް ކޮންމެވެސް ވަރަކަށް އެކަން ގަބޫލުކުރެއްވުމެވެ.

އެހެން ނަމަވެސް، މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. ނުވަތަ މިހިރަ ގެންދަނީ ހާލަތު ބަދަލުވަމުންނެވެ. ގެއްލިފައިވާ މައުމޫނުގެ ތާއީދު އެހެރިގެން އަންނަނީ ހޯދަމުންނެވެ. އިތުރުވަމުންނެވެ. ބޮޑު ގޮނޑިއާ ކައިރި ވަމުންނެވެ. ކުރިން މައުމޫނު ކަމު ނުދިޔަ ބަޔަކު، އަންނިގެ ވެރިކަން ފެނި ފޫހިވެ، އަންނި އަށް ވުރެ މައުމޫނު ރަނގަޅުކަމަށް ބުނަން ފަށައިފިއެވެ. އެކަން ބަލައިގަނެ، ސިޔާސީ މައިދާނުގައި މައުމޫނުވެސް ކުރިއަށް ޖެހެމުންދާތަން ފެންނަން ފަށައިފިއެވެ.

މިއީ އެމްޑީޕީ މެމްބަރުން ބޭނުންވާނެ ގޮތެއް ނޫނެވެ. މައުމޫނު އަނެއްކާވެސް ވެރިކަމަށް އައުމަކީ ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. ނަމަވެސް، މަސްރަހު ބަދަލުވެގެން މިހިރަގެން އަންނަނީ ސަބަބުތަކެއް ހުރެގެންނެވެ. މިހުރިހާ ސަބަބުތަކެއް ގުޅިގެން ދަނީ ރައީސް ނަޝީދުގެ ދީނީ، އިޖުތިމާއީ، އިގްތިސާދީ އަދި ހާރިޖީ ސިޔާސަތަކާއެވެ. އަދި ފާއިތުވީ ތިން އަހަރުގެ ތެރޭގައި މިގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނަށް ދެއްކެވި ލީޑަޝިޕާއެވެ.

މައުމޫނުގެ ތާއީދު އިތުރުވާ ސަބަބުތައް:

މައުމޫނުގެ ތާއީދު އިތުރުވާން ޖެހުނު ފުރަތަމަ ސަބަބަށް ބަލާލާއިރު މައުމޫނާމެދު ކުރެވުނު ތުހުމަތުތައް ނަޝީދުގެ ސަރުކާރުން ރައްޔިތުންނާ ހަމައަށް ފެންމަތިކޮށްދެވިފައެއް ނުވެއެވެ. މައުމޫނުގެ ސަރުކާރުން ހިންގި ހިޔާނާތުގެ ކަންތައްތައް ބަލަން އައްޔަންކުރި ރިޔާސީ ކޮމިޝަނުން އެދެވޭ، އާރުލާ ކަމެއް ކުރެވިފައެއް ނެތެވެ. އަދި ނަޝީދު އައްޔަންކުރި ބަންޑާރަ ނައިބަކަށްވެސް އަދި އޯޑިޓް ޖެނެރަލަށްވެސް ބޮޑެތި ހިޔާނާތުގެ ކަންތައްތަކެއް ނުދެއްކުނެވެ.

މައުމޫނުގެ ތާއީދު 2008 އަހަރުގެ ތެރޭގައި ގެއްލުމުގެ އެއް ސަބަބަކީ އެމަނިކުފާނާމެދު ކުރެވުނު ހިޔާނާތުގެ ގިނަ ތުހުމަތުތަކަށްވީއިރު އެއިން ކަމެއް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެއާ ހިލާފަށް ބަޔެއް މައްސަލަތައް ވަނީ މައުމޫނާ މެދު ކުރެވުނު ތުހުމަތުތަކުން ބަރީއަވާގޮތަށް ނިމިފައެވެ. މިސާލަކަށް ނަޝީދުގެ ހޯމް މިނިސްޓަރު އަފީފު މައުމޫނު ދައުލަތުގެ ފައިސާ ބޭރު އެކައުންޓުގައި ޖަމާކޮށްފައިވާކަމަށް ކުރި ތުހުމަތު އަފީފަކަށް ސާބިތު ނުކޮށެއްނުދެވުނެވެ.

މައުމޫނުގެ ވެރިކަމުގައި ދީނަށް ލޯބިކުރި ގިނަ ބަޔަކު މައުމޫނާ ދެކޮޅަށް ތެދުވީ ދީނީ ސިޔާސަތުތައް ކަމު ނުގޮސްގެންނެވެ. ނަމަވެސް، ނަޝީދުގެ ވެރިކަމުގެ ފަހުކޮޅުގައި ދީނީ ސިޔާސަތާމެދު ގިނަ ބަޔަކު ދެކޮޅު ހަދަން ފެށިއެވެ. މާލޭގެ ގެސްޓުހައުސްތަކުގައި ރާވިއްކަން އުޅުމާއި އަރަބި ތައުލީމަށް ހުރަސްއަޅަން މަސައްކަތްކުރުމާއި މަތީ ސާނަވީގައި އިސްލާމު މާއްދާ އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ހަދަން އުޅުމާއި ރަސޫލާގެ ސުންނަތާއި ދީނުގެ ހައްދުތައް ގަބޫލުނުކުރާ ބީދައިން ނަޝީދު އާއްމު ތަންތަނުގައި ވާހަކަދެއްކުން ހިމެނެއެވެ.

ނަޝީދުގެ ދީނީ ސިޔާސަތުތައް ކަމު ނުގޮސްގެން މައުމޫނުގެ ދީނީ ސިޔާސަތުތަކާ އަޅާކިޔަން ފެށުނެވެ. އެހިސާބުން ނަޝީދުގެ ދީނީ ސިޔާސަތުތަކަށްވުރެ މައުމޫނު ގެންގުޅުއްވި ސިޔާސަތުތައް ރަނގަޅުކަމަށް ގަބޫލުކުރެވެން ފެށިއެވެ. ގޯސް އެއްޗަކަށްވުރެ ބޮޑު ގޯހެއް ކަމުނުދާނެ ފަދައިންނެވެ. ނަޝީދުގެ ސަރުކާރުގައި ދީނީ ކަންތައްތަކާ ބެހޭ މިނިސްޓްރީއެއް ހުއްޓެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން މިރާއްޖެގައި ދީނީ މިނިވަންކަމަށް މަގުފަހިކުރުމަށް މަސައްކަތްކުރެވޭކަމަށް ގަބޫލުކުރެވެން ފެށިއެވެ.

އެގޮތުން 23 ޑިސެމްބަރުގެ މުޒާހަރާ ބޭއްވުނެވެ. ނަމަވެސް، ނަޝީދަކީ ގޮތް ދޫނުކުރާ ހަރުކަށި ހިޔާލުގެ މީހެއްކަމުން ބެލީ އެމީހުންނަށް ފުރައްސާރަ ކުރާށެވެ. ހަމަ އެދުވަހު މެދުމިނުގެ ނަމުގައި މުޒާހަރާއެއް ކުރީ އެމްޑީޕީގެ އެތައް ބަޔެއް ނުރުހި ތިއްބައެވެ. އަނެއްކޮޅުން އެދުވަހު މީހުން އެއްކޮށްގެން ހުރެ ރަސޫލާގެ ސުންނަތަށް މަލާމާތްކުރިއެވެ. އަދި ތިމާގެ ކިބައިގާ ދީނަށް އެއްވެސް ލޯތްބެއް ނެތްކަން އިތުރަށް ހާމަކޮށްދިނީއެވެ. ކަންތައްތައް އިސްލާހުކޮށް ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ސަރުކާރުގެ އަމަލުން ހޯދައިގަންނާކަށް ނޭގުނެވެ. "ތިޔަހެނެއް ނުކިޔޭނޭ' ކިޔައިގެން ކުރީ ބޭކާރު ކަމެކެވެ.

އިސްލާހަށް ގިނަ ބަޔަކު ވޯޓުދިން އަނެއް ސަބަބަކީ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރުމެވެ. ކުށްމަދުކުރުމާއި، ޑުރަގުގެ ވަބާއިން ގައުމު ސަލާމަތްކުރުމާއި، ދަރަނިތަކުން މިންޖުވެފައިވާ ފާގަތި ދިރިއުޅުމެއް އުޅޭ ބަޔެއް ކަމުގައި ދިވެހިން ވުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް، ނަޝީދު ވެރިކަމުގައި މިފަދަ ބަދަލުތަކެއް ނުފެނުނެވެ. އަދަބުވެސް ޖެހެނީ ހިތި ބޭހެއް ބޯށެވެ. ދޭން ފެށީ ކުރިން ބޮމުން އައި ބޭސްތަކަށްވުރެން ވެސް މާ ހިތިކަން ގަދަ ބޭސްތަކެކެވެ. ކަންމަތީ ދަރަނިތައް ކަނޑައެއް ނުލެވުނެވެ. ތަކެތި އަގުބޮޑުވުމުގެ ސަބަބުން ދަރަނިވީ އިތުރެވެ. ބިލުތައް ވީ ބޮޑެވެ.

އިގްތިސާދު ރަނގަޅަށް ބަލަހައްޓަން ކުރަން ނޭގުމުގެ ސަބަބުން ޑޮލަރުގެ އަގުބޮޑުވެ، ތަކެތީގެ އަގު އުފުލެން ފެށީއެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބަދަލުކޮށް ގައުމު ހަމަ މަގަށް އަޅުވައެއް ނުލެވުނެވެ. ތަޖުރިބާކާރުންގެ ބޭނުން ހިފައި، މޮޅެތި ރޭވުންތަކެއް ރޭވިގެން ދިޔަތަނެއް ނުފެނުނެވެ. ވާނީވެސް އެހެން ތާއެވެ. ޕާޓީގައި ތައުލީމީ އެތަކެއް މެމްބަރުންނެއް ތިއްބައި ބޮޑެތި މަގާމުތަކާއި ސިޔާސަތުތައް ރާއްވަން ހަވާލުކޮށްފައި ތިބީ އިލުމެއް ހިލުމެއް ނެތް ތިމާގެ ގާތް ރައްޓެހިންނެވެ. ބޮޑެތި ކަންތައްތައް ވަމުންދާއިރުވެސް ޕާޓީއާ މަސްވަރާކޮށް ކޮޅެއް ފެނޭތޯ ބަލައެއް ނުލައެވެ.

މައުމޫނުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުކަމަށް ބުނެ އެކަން ރަނގަޅުކުރަން ވެރިކަމާ ހަވާލުވި ނަޝީދުގެ ސަރުކާރުގެ ބޮޑެތި މީހުން ހިންގަންފެށި ކަރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އާއްމުން ނަޝީދު ދެކެ ފޫހިވިއެވެ. ބިޑެއް އުސޫލެއް ނެތި ގާތްމީހުންނަށް ފަޅުރަށްރަށާއި ޕުރޮޖެކްޓުތަކާއި އެކަށީގެން ނުވާ މަގާމުތައް ބަހަމުންދިޔައީއެވެ. އެހެން ކަމުން މައުމޫނުގެ ތަސައްވަރު ރަގަޅުވާން ފެށިއެވެ. މައުމޫނު ކޮންމެހެން މާތް މީހަކަށް ވެގެންނެއް ނޫނެވެ. ނަޝީދަށްވުރެ ރަގަޅުވީއެވެ.

މީގެ އެއްމެ ބޮޑު މިސާލަކީ ދިވެހިން ފަހުރުވެރިވާ އެއާޕޯޓު އިންޑިޔާގެ ކުންފުންޏަކަށް ދިނުމެވެ. މައްސަލައަކީ ދިނުމެއް ނޫނެވެ. ދިން މުއްދަތާއި، އެމީހުންނަށް ދީގެން ހެޔޮ ބަދަލެއް ނުފެނުމާއި، ދިވެހިން ފެލާލަން އެމީހުން މަސައްކަތްކުރަމުން ދިޔުމެވެ. އަދި މިއީ ދިވެހިންގެ ހަރުމުދާ ނުއަގުގައި ވިއްކުން ކަމުގައި ގަބޫލުކުރެވެން ފެށިއެވެ. ބަޔަކު އެގޮތަށް ވިސްނައިދީގެން އެކަންޏެއް ނޫނެވެ. ސަރުކާރުގެ އަމަލުތައް ވެސް ހުރި ގޮތުން މެއެވެ. އަދި މައުމޫނުގެ ވެރިކަމުގައި ދިވެހިންގެ ހަރުމުދާ އެގޮތަށް ވިއްކާފައި ނުވަތަ ކުށްޔަށް ދީފައި ނުވުމުން މައުމޫނާ މެދު ކުރިން ކުރެވުނު ނަފުރަތު ލޯތްބަށް ބަދަލުވިއެވެ.

ކޮންމެ އަކަސް މިގޮތަށް ލިޔަންޏާމު ލިޔާނެ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ކުރުކޮށް ބުނާ ނަމަ ބުނެވޭނީ، މިއަދު މައުމޫނުގެ ތާއީދު އިތުރުވެގެން އެއަންނަނީ ނަޝީދުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ. 2008 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބު ދުވަސްވަރު ހުރިހާ ސިޔާސީ ޕާޓީތަކަކުން މައުމޫނާއި ދެކޮޅަށް ބައިއަތު ހިފިއެވެ. މައުމޫނު އެކަހެރިކޮށް އެއް ފަރާތްކުރިއެވެ. މިއަދު އެހާލަތު ބަދަލުވެގެން ގޮސް، އެކަން އެކޮޅުކޮޅުން ޖެހި، ސިޔާސީ މައިދާނުން އެމްޑީޕީ އެކަހެރިވެ އިންތިހާބުތަކުގައި ނާކާމިޔާބު ވަމުން އެދަނީވެސް ނަޝީދުގެ ސިޔާސަތުގެ ސަބަބުން ކަމާމެދު ބުނަން ޖެހެނީ މާޒީގައި ވެފައި ހުރި ކަންތައްތަކަށް ބުރަވެއެވެ.

ނަޝީދުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ނަޝީދު ހިތްތިރީއެވެ. ނޫނީ ކޯޓުތައް ކަނޑައީއެވެ. މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ހިތްތިރި މީހަކު ގާޒީން ރޭ ދަންވަރު ވަގަކަށް ނުނަގާނެއެވެ. ހިތްތިރި މީހަކު މައުމޫނަށް ފުރައްސާރަކޮށް އެގޭ ދޮށަށް މީހުން ފޮނުވައި ރިޔާސީ ކޮމިޝަން ހަދައިގެން މާޒީގެ މައްސަލަތައް ހާވައި މައުމޫނަށް ބިރު ދައްކައެއް ނޫޅޭނެއެވެ. ހިތްތިރި މީހަކު އެއްވެސް ހެއްކެއް ނެތި ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ގެނެސް ހައްޔަރުކޮށެއް ނަހަދާނެއެވެ. ގަދަބަސް ބުނެ ސިޔާސީ ދެކޮޅުވެރިންނަށް އިންޒާރުދީއެއް ނަހަދާނެއެވެ.

އަސްލު މައްސަލައަކީ ނަޝީދުގެ ކިބައިގައި ހަރުދަނާ ލީޑަރޝިޕެއް ނެތުމެވެ. ނުވަތަ ކަންކަން ކުރަން ނޭގުމެވެ. ކަންކަން ނުކުރެވޭ މީހުންނާ މަގާމުތަކަށް ލެވިފައި ނެތްތަނުގައި ތިމާގެ ކިބައިގާ އިލުމާއި ހިކުމަތް ނެތް ވެސް ނެތީއެވެ. ނަޝީދަކީ އެމްޑީޕީ ވުޖޫދަށް ގެނައުމުގައި އަދި އިސްލާހީ މަސައްކަތް ފެށުމުގައި ބުރަ މަސައްކަތްތަކެއް ކުރި މީހަކަށް ވިޔަސް އެމްޑީޕީގެ މުސްތަގުބަލުވަނީ ނަޝީދާ އެއްކޮށް ނޫންކަން އެނގެން ހުރި ގިނަ ހެކިތަކެއް މިހިރަ ދަނީ ފެންނަމުންނެވެ. ހުދު ނަޝީދުވެސް އެކަން ގަބޫލުކުރެއެވެ. މިހެން މިބުނަނީ ނަޝީދާ އެއްކޮށް މަސައްކަތްކޮށް ނަޝީދު ވަރަށް ރަނގަޅަށް ދަންނަ މީހަކަށް ވާތީވެއެވެ. ހަމައެކަނި މައްސަލައަކީ ތިމާގެ ލޮމީރު އެކަން ގަބޫލުކުރަން ބޭނުން ނުވުމެވެ. އަދި ޕާޓީއަށްޓަކައި ތިމާގެ މަސްލަހަތު އިސްކުރެވުމެވެ.

ކޮންމެ އަކަށް އެމްޑީޕީ މެމްބަރުން މިވަނީ ގޮތެއް އިހުތިޔާރު ކުރަން ޖެހިފައެވެ. ނަޝީދުގެ ފަހަތުން ހިނގައިގެން އޭނާ ބުނާގޮތެއް ހަދައިދެން މައުމޫނުގެ ތާއީދު އިތުރުކޮށްދީ 2013 ގެ އިންތިހާބުގައި މައުމޫނަށް ކާމިޔާބު ހޯދައިދޭނީ ތޯއެވެ. ނޫނީ ޕާޓީ އިސްލާހުކޮށް އެހެން ސިޔާސީ ލީޑަރުންނާވެސް ގުޅޭ އެހެން މީހަކު ޕާޓީގެ ތެރެއިން ނެރި އިންތިހާބަށް ޓަކައި ކޮލިޝަނެއް ހަދާނީތޯއެވެ. ޔަގީން ކަމާއެކު އެގޭ ކަމަކީ ނިމި ދިޔަ އިންތިހާބުތަކުގެ ނަތީޖާދައްކާގޮތުން އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމާއި ނަޝީދާއެކު ކޮލިޝަން ހެދުމަށްވުރެ މައުމޫނާ އެކު ކޮލިޝަން ހެދުންވެސް މާރަގަޅުކަމަށް ދެން ތިބި ސިޔާސީ ލީޑަރުން މިއަދު ގަބޫލުކުރާކަމެވެ. އެމްޑީޕީ މެމްބަރުން ނިންމާނީ ކޮން ގޮތެއް ބާވައެވެ؟ އެނގި ތިބެ މައުމޫނު ވެރިކަމަށް ގެނެސްދޭނީ ތޯއެވެ؟

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އަންނިގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މައުމޫނުގެ ތާއީދު އިތުރުވަނީ"