Live Traffic

Apr 14, 2012

އެމްޑީޕީ އިންތިހާބުތަކުން ބަލިވުމުގެ ޒިންމާ އަންނި ނަގަންޖެހޭ

އަންނި އަށް ބަޔެއް ފަހަރަށް ހީވަނީ ތިމަންނައަކީ މައުމޫނު ކަމަށެވެ. މައުމޫނު އުޅޭހެން ރަށްރަށަށް އަރައި ކެޑިޑޭޓުންނަށް ވޯޓު ހޯދައިދޭން އުޅެނީ އެހެންވެގެންނެވެ. ހަގީގަތަކީ އެމްޑީޕީގެ ލީޑަރޝިޕުން ކޮންމެ މީހަކު ނުކުމެ ބުންޏަސް އެމްޑީޕީ މީހުން ވޯޓުލާނެއެވެ. ޑރ ޑީޑީއަށް ނުކޮށްދެވޭ އިތުރުކަމެއް ވަކި އަންނި އަކަށްވެސް އިންތިހާބެއްގައެއް ނުކޮށްދެވޭނެއެވެ. އަދި އަންނި ބުނެގެން އެމްޑީޕީގެ ބޭރުން ބަޔަކު ވޯޓެއް ނުލާނެއެވެ. އަންނި އާ މެދު އެހެން މީހުން ނަފުރަތުކުރަނީ ވަކި ވަރަކަށް ނޫނެވެ.

އަންނި އާ މެދު 2008 ގެ ރިޔާސީ އިންތިހާބުގައި އުފެދުނު ލޯބި ނަފުރަތަށް ބަދަލުވީ ވެރިކަން ކުރި ގޮތުންނެވެ. ވެރިކަމުގައި ގެންގުޅުނު ހުދުމުހުތާރު ސިޔާސަތުގެ ސަބަބުންނެވެ. އެމްޑީޕީއަކީ ތިމާ މީހާ ވެރިކަން ކުރިއިރު ހަމައެކަނި އައްޑަނައެކެވެ. ކަންކަން ކުރަނީ ތިމާއާއި ތިމާގެ ރައްޓެހިންކަމުގައިވާ މާރިޔާ ދީދީއާއި އިބްރާހީމް ހުސެން ޒަކީމެން ބުނާގޮތަށެވެ. އެމްޑީޕީ މީހުން ރުޅިއަޔަސް، ޕާޓީ ދެބައިވިޔަސް ފަރުވާލެއް ނުބެހެއްޓިއެވެ.

ހޮލިޑޭ އިންގައި ރާވިއްކަން ފައިވިއްދައިގެން އުޅުމާއި އައްޑޫގައި ހުރި ބުދުތައް ނަގަން ދެކޮޅު ހެދުމާއި އޮރިޔާން ވީޑިޔޯ ހެދި ކޮއްޓި ސައީދުމެން ރައްޔިތުންގެ ފައިސާއިން މުސާރަދޭ މަގާމުތަކުން ވަކި ނުކުރުމާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދެއްކުމާއި ބޭރު ގައުމުތަކުގައި ދިވެހިންނަކީ ޓެރަރިސްޓުންނޭ ކިޔައިގެން ދިވެހިން ބޭޒާރުކުރުމާއި އެމްޑީޕީގެ ބޮޑުން ހިންގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތަކަށް ކަނު ލޮލެއް ދިނުމާއި ހަމައެއް އުސޫލެއްނެތި ރައްޓެހި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހަމުން ގެންދިޔުމަކީ އޭގެ މިސާލުތަކެވެ.

އެމްޑީޕީއިން ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯއަކީ ދެވަނައެއް ނެތް އެއްޗެކެވެ. ހަމައެކަނި މައްސަލައަކީ އެތަންފީޒު ނުކުރެވުމެވެ. ތަންފީޒުކުރުމަށް މަތީ މަގާމުތަކަށް ގާބިލު ބަޔަކު ލުމުގެ ބަދަލުގައި ނާގާބިލު ބަޔަކުލައިގެން ލަގިރި ޖެހުމެވެ. ރައްޔިތުންގެ ލޯތްބެއް، ތައުލީމެއް، ތަޖުރިބާއެއް ނެތް ބަޔަކަށް އެފުރުސަތުތައް ނުދިނުމެވެ. 3 ނިވެމްބަރުގެ ދެބާގީން ކަމުގައިވާ އުމަރު ޖަމާލަށާއި ޝާހިދަށް ސްޓޭޓް މިނިސްޓަރުކަން ދިނީ އެނޫން ބަޔަކު މިގައުމުގައި ނެތީމަތޯއެވެ؟

އަމީން ފައިސަލްމެން ނޫނީ ޑިފެންސް މިނިސްޓަރުކަން ކުރެވޭނެ މީހުން ނެތީހެއްޔެވެ؟ ފޭދޫ އަދްހަމްމެން ފިނޭންސް މިނިސްޓްރީގެ ނައިބު ކަމަށް ލައިފައި ހުރީ އެދާއިރާއިން ކިޔަވައި ތަޖުރިބާ ގިނަވެގެންތޯއެވެ؟ ފާޑު ފާޑުގެ ކަރުދާސް ކުންފުނި ހަދައި އެތަކެއް ނާގާބިލު ބަޔަކު އެތަންތަނަށް ލީ އެމީހުންގެ ފަރާތުން ގައުމަށް ލާބަ ލިބިދާނެކަމަށްތޯއެވެ؟ މައުމޫނުގެ ސަރުކާރާއި ވަހީދުގެ ސަރުކާރޭ ކިޔާނެކަމެއް ނެތެވެ. އަންނި ވެރިކަމަށް ގެނައީ ހެޔޮވެރިކަމެއް ކޮށް މައުމޫނަށްވުރެން ރަނގަޅަށް ވެރިކަންކޮށް ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރާށެވެ. އެކަން ނުކުރެވި މިވަނީ ފޭލިވެފައެވެ.

އެމްޑީޕީގައި ތިބި ތައުލީމީ ގާބިލު އެތަކެއް ބަޔަކު އެއް ފަރާތްކުރީއަކީވެސް ނޫނެވެ. ހެޔޮގޮތުގައި ވެރިކަން ކޮށް ރައްޔިތުން ރުއްސައި، ދެކޮޅުވެރިންނާއި ރަހުމަތްތެރިން އެކުވެރިކޮށް، އެހެން މީހުން އެމްޑީޕީއާ މެދު ދެކޭގޮތް ބަދަލުކޮށް، ޕާޓީއާމެދު ޝައުގުވެރިކުރުމުގެ ބަދަލުގައި އަންނި ބެލީ ދިވެހިން ބައިބައިކޮށް ޕާޓީގެ ކުލައަށް ބަލައިގެން މައުމޫނު ކުރިން އުޅުނު ގޮތަށް ވެރިކަން ކުރާށެވެ. އެހިސާބުން އެމްޑީޕީ ބާކީވާން ފެށީއެވެ. ރަހުމަތްތެރިންނާއި އެކުވެރިން ގެއްލި ދިޔައީއެވެ. ވެރިކަން އައުމަށް ހެދި ކޮލިޝަން ރޫޅި އެންމެފަހުން އެޅޭ ޅަ އެއްޗެތި ގިނަވެގެން ވެރިކަމުން ފައިބަން ޖެހުނީއެވެ.

މިކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އަންނިއެވެ. އެމްޑީޕީއިން އަންނި އަށް އެފުރުސަތު ދިނެވެ. އެފުރުސަތު ނަގާލީއެވެ. އެންމެ ކުޑަވެގެން ވެރިކަމުން ފައިބަމުން ތިމާގެ ރައްޓެހިންނާއި އެކުވެރިންނަށް ގުޅާ އެމީހުންނާ ވާހަކަ ދެއްކި އިރު އެމްޑީޕީގެ ލީޑަރުން ކުރެން ކޭ ވެސް އަހައި ނުލިއެވެ. އިސްތިއުފާދިނުމުގެ ކުރިން ޔާމީނަށާއި އުމަރަށާއި އިބޫއަށާއި އެފަދަ އެތަކެއް ބަޔަކަށް ގުޅާ ވެރިކަމުން އިސްތިއުފާދޭ ވާހަކަ ބުންޏެވެ. ނަމަވެސް، އެވާހަކަ އެމްޑީޕީގެ އިންތިހާބީ ލީޑަރުންނާ މަސްވަރާކުރާކަށް ބޭނުންނުވިއެވެ. އެމީހުންނަކީ އެއްވެސް ބަޔަކު ކަމުގައި ނުދެކުނެވެ.

 

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އެމްޑީޕީ އިންތިހާބުތަކުން ބަލިވުމުގެ ޒިންމާ އަންނި ނަގަންޖެހޭ"