Live Traffic

Mar 5, 2012

ގައުމީ މަސްލަހަތު ހެއްޔެވެ؟ ނޫނީ ވެރިކަން ހެއްޔެވެ؟

ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ ޓީވީގައި ރައްޔިތުންގެ ކުރިމަތީގައެވެ. ތިމާގެ ވަޒީރުން އެކަމަށް ހެކިކޮށްފައެވެ. އެހެންކަމުން ގާނޫނު އަސާސީ ބުނާގޮތުން ރައީސް އިސްތިއުފާދެއްވުމުން އޭނާގެ ބަދަލުގައި އެމަގާމު ފުރުމަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ނައިބު ރައީސް އެވަނީ ގާނޫނު އާސާސީއާ އެއްގޮތަށް އެމަގާމާ ހަވާލުވެފައެވެ. މިކަމުގައި ގޯހެއް އަދި ނެތެވެ. ވެރިކަން ސައްހައެވެ.

ނަމަވެސް، މައްސަލަ ޖެހެން ފެށީ އިސްތިއުފާދެއްވިތާ ސައުވިސް ގަނޑިއިރު ފަހުން ކުރީގެ ރައީސް ނަޝީދު ކުރައްވަން ފެށި ތުހުމަތުތަކަކުންނެވެ. ފުރަތަމަ ވިދާޅުވީ ވެރިކަން ބަދަލުކުރީ ފުލުހުންނާއި ސިފައިން އެއްބައިވެގެން ބަގާވާތްކޮށްގެން ކަމަށެވެ. އަދި އެކަމުގައި ޑރ ވަހީދުގެ ބައިވެރިވުމެއް އޮވެދާނެކަމަށެވެ. ފަހުން ވިދާޅުވީ އެ ބަގާވާތުގެ ބޮޑުމީހަކީ ޑރ ވަހީދު ކަމަށެވެ.

ދެން ގޮވަން ފެށީ އިންތިހާބެއް ބޭއްވުމަށްޓަކައި ޑރ ވަހީދު އިސްތިއުފާދެއްވުމަށެވެ. ބަގާވާތަކުން ވެރިކަމުން ވަކިކުރިނަމަ އިސްތިއުފާދޭންވީ ކީއްކުރަން ހެއްޔެވެ؟ އެއެއްޗެއް އެއެއްގެ ހައްގުވެރިއަކަށް ދޭނީ ނޫންހެއްޔެވެ؟ އަނެއްކާ، ބަގާވާތަކުން ނޫންނަމަ ކޮންމެހެން ޑރ ވަހީދު އިސްތިއުފާދެއްވަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ ނައިބު ރައީސްކަމަށް ވަޑައިގަތީ ރައްޔިތުންގެ ސާފު އަގުލަބިއްޔަތުންނެވެ. މިހާރު އެކުރައްވާ ކަމަކީ އެމަގާމުގެ މަސްއޫލިއްޔަތެކެވެ.

އެހެން ނޫނަސް، ޗާޓުން ބޭރުން ކަންތައްކޮށް ސުޕުރީމު ކޯޓުގެ އަމުރުތައް ބޮލާލައި ޖެހީމާ ރައީސް ނަޝީދު އިސްތިއުފާދެއްވުމަށް ގޮވުމުން އެކަންކަމަށް އެމަނިކުފާނު އިޖާބަދެއްވިތޯއެވެ؟ ތާއީދު ކުރާ މީހުން އިސްތިއުފާއަކަށް ނުގޮވާނެއެވެ. އިސްތިއުފާއަށް އަބަދުވެސް ގޮވާނީ ދެކޮޅުވެރިން ނޫނީ ހަތުރުވެރިންނެވެ. އެކަން ސިޔާސީ މީހުންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ.

މައްސަލައަކީ އެއެއްނޫނެވެ. މައްސަލައަކީ އިންތިހާބެއް ބޭއްވުމެވެ. މިހާރު އިންތިހާބެއް ބާއްވަންޏާމު ގާނޫނު އަސާސީ ބުނާގޮތުން 10 ވަރަކަށް މަސްފަހުން އަނެއް އިންތިހާބު ބާއްވަންޖެހެއެވެ. ގައުމުގެ މަސްލަހަތަށް ލޯބިކުރާ މީހަކު ދައުލަތުން މިވަރުގެ ބޮޑު އިސްރާފެއް ކުރުމަށް ގޮވާނެ ހެއްޔެވެ؟ ނަމަވެސް، ނަޝީދުގެ އަމަލުތަކުންނާއި އެމަނިކުފާނުގެ ބަސްގަބޫލުކުރާ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އިވެނީ މިއަޑެވެ.

ސަރުކާރަށް ނުވަތަ ރައީސް ޑރ ވަހީދަށް އިންތިހާބު ބޭއްވުމަށް ގޮވާލެވޭއިރު މިތަނުގައި މިއޮތީ ރިޔާސީ އިންތިހާބެއްކަން އެނގޭ ހެއްޔެވެ؟ އިންތިހާބެއް ބޭއްވުމާއި އިންތިހާބަކަށް ގޮވާލުމުގެ ބާރެއް ރައީސްގެ އަތަކު ނެތެވެ. ކުރެވޭނެހާވެސް ކަމަކީ އިސްތިއުފާދީ ގޮނޑި ހުސްކޮށްދިނުމެވެ. އެހެންކަމުން، މިކަން ކުރަން ޖެހޭ ސަބަބެއް އެގެން އެބަޖެހެއެވެ. އަދި އެކަން ކުރެވޭނީ ވާހަކަ ދައްކައިގެން ނޫންހެއްޔެވެ؟

ދެން ކުރަން ޖެހޭ ސުވާލަކީ މިގައުމަށް ފައިދާ ބޮޑީ ގާނޫނު އަސާސީ އިސްލާހުކޮށްގެން އިންތިހާބު ބާއްވާ ސިޔާސީވެރިން އެކަކު އަނެކަކާ އޮޅުލުން ހެއްޔެވެ؟ ނޫނީ އެންމެން އެކަތިގަނޑަކަށްވެސް ގުޅިގެން މަސައްކަތްކޮށް ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްފަހު 2013ގެ އިންތިހާބަށް ނުކުތުން ހެއްޔެވެ؟

މިގައުމުގައި އެންމެން އެއްބައިވެގެން ހައްލުކުރަން ޖެހޭ ލައްކަ ކަންތައް އެބަހުއްޓެވެ. މިއީ ވެރިކަމަށް ވަކި ބަޔަކު އައިސްގެން ރަގަޅުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެންމެން ގުޅިގެން ގައުމީ މަސްލަހަތު ކުރިއަށް ނެރިގެން ކުރަންޖެހޭ ކަންތައްތަކެކެވެ. އޭގެ ތެރޭގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަދަދު މަދުކުރުމާއި ޖުޑިސަރީ އިސްލާހުކުރުމާއި ސިފައިންނާއި ފުހުލުންގެ ގާނޫނު އިސްލާހުކުރާއި އިގްތިސޯދު ހަމައަކަށް އެޅުވުމެވެ.

މިކަންތައް ހައްލުކުރުމުގެ ކުރިން އަދި އެފަދަ ވާހަކަ ނުދައްކާ ހަމައެކަނި އިންތިހާބުގެ ވާހަކަ ދައްކަނީ ވެރިކަމާހެދި ހުންނަ އަމަށަކު ލޯތްބެއްގެ ބޮޑުކަމުންނެވެ. އެއުޅެނީ ގައުމު ދެކެ ނުވަތަ ރައްޔިތުން ދެކެ ލޯބިވާތީއެއް ނޫނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ގައުމީ މަސްލަހަތު ހެއްޔެވެ؟ ނޫނީ ވެރިކަން ހެއްޔެވެ؟"