Live Traffic

Jul 16, 2012

ނަޝީދުގެ ދައުވާ އަނބުރާ ގެންދިޔުމަށް އެމްޑީޕީއިން ގޮވާލުން


ނަޝީދުގެ ދައުވާ އަނބުރާ ގެންދިޔުމަށް އެމްޑީޕީއިން ގޮވާލުމަކީ ޝޮކެއް ލިބިގެން ދިޔަ ކަމެކެވެ. ސަބަބަކީ ދުވާލު އިރުފަދައިން އެދައުވާއަކީ ކުރަން ޖެހޭ ދައުވާއެއް ކަމަށް ފެންނާތީވެއެވެ. ގާނޫނު އަސާސީއާއި ގާނޫނުގެ ބޭރުން ދިވެހިރައްޔިތަކު ވަގަށް ނަގާފައިވާތީވެއެވެ. އަނެއްކޮޅުން އެދައުވާ އަކީ ސިޔާސީ ދައުވާ އަކަށް ވާނެ ގޮތެއް ނެތެވެ. އެދައުވާ ކުރީ ސަރުކާރަކުން ނޫނެވެ. މިނިވަން ޕީޖީއެކެވެ. އޭނާއަށް ވަޒީފާ ދިނުމާއި ވަކި ކުރުމުގެ ބާރު ސަރުކާރަކަށް ލިބިގެން ނުވެއެވެ.

އެހެން ނޫނަސް ޕީޖީ މުއިއްޒަކީ ވަޒީފާއިން ވަކިކޮށްފާނެތީވެ އޭނާގެ މަސްއޫލިއްޔަތު އަދާކުރަން ފަހެއް ޖެހޭނެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެގޭނެ ބަޔަކީވެސް އެމްޑީޕީގެ ލީޑަޝިޕުގައި މިއަދު ތިބި މީހުންނެވެ. އޭނާ އެމަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް ވޯޓު ދިނީވެސް ހުދު އެމީހުންނެވެ. އަތްމަތި ސުލޯވެދާނެއެވެ. ނަމަވެސް، ޕީޖީ މުއިއްޒަކީ އިންސާފާއި ހަމަހަމަ ކަމަށް ލޯބި ކުރާ މީހެއްކަން އޭނާގެ ގާނޫނީ ހަޔާތުން ފެންނަން އެބައޮތެވެ.

ކަން މިހެން އޮތްއިރު، އަދި ނަޝީދުގެ ސަބަބުން ދިވެހިރައްޔިތަކަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަނިޔާ ލިބިފައިވާއިރު އަދި ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފުވެފާވާއިރު ދައުވާ ނުކޮށް، އެދައުވާ އަނބުރާ ގެންނަން ޖެހޭ ސަބަބެއް ބުނެދީ ބަލާށެވެ؟ އަބްދުއްލޯ ގާޒީގެ އަހުލާގު ދަށްވުމަކީ ނުވަތަ ޖުޑިޝަރީއިން ފިޔަވަޅު ނޭޅުމަކީ ގާނޫނު އަސާސީގެ ބޭރުން އެއްވެސް ފަރާތަކަށް ކަންކުރުމަށް ލިބޭ ފުރުސަތެއް ނޫނެވެ.

މަސްހޫރު ގާނޫނީ ވަކީލު ނަޖީބު މަރާލީ ފައިސާގެ ބޭނުމުގައެވެ. ނަމަވެސް، ގާތިލު ތުހުމަތު ކުރީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާ ބެހެން އުޅުނު ކަމަށެވެ. އެހެން ކަމުން، ގާތިލު މުއްރަތުގެ ދައުވާވެސް އަނބުރާ ގެންދަން ގޮވާލަން ވީ ނޫންހެއްޔެވެ؟ އެއީވެސް އަމިއްލަ ދިފާއުގައި މުއްރަތު ކުރި ކަމަށް ނުބުނެވޭނެ ހެއްޔެވެ؟ ބޭނުންވިއްޔާމު ކޮންމެ އެއްޗެއްވެސް ކިޔިދާނެއެވެ. ނަމަވެސް، މިހުންނަނީ ބުއްދި ގަބޫލުކުރާ އުސޫލުތަކެއް ނޫނެވެ.

ފަހަރުގައި އަބްދުއްލޯ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދުގެ ދައުރެއް ނޯވެދާނެއެވެ. ނަމަވެސް، އެކަންކަންވެސް އެނގޭނީ ދައުވާކޮށް ބެލީމާ ނޫންހެއްޔެވެ؟ އެހެންނޭ ކިޔާފައި އެކަމުގައި ނުހަނު ބޮޑަށް ތުހުމަތުކުރެވޭ ފަރާތެއް އަދި އާއްމު ތަންތަނުގައި ތިމަންނަ އަދިވެސް އޭނާ ހިފާ ހައްޔަރު ކުރާނަމޭ ބުނި މީހެއްގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލަން ޖެހޭ ހެއްޔެވެ؟

މިއީ އެތަށް ގޮތަކަށް ބަލާއިރު ވަރަށް ތާރީހީ ދައުވާއެކެވެ. ސަބަބަކީ، މިދައުވާގެ ސަބަބުން ގާނޫނުގެ ބޭރުން އަމަލުކުރާ ވެރިންނަށް އިބުރަތެއް ލިބިގެންދާނެތީވެއެވެ. އަދި ދެން ރާއްޖޭގައި ވެރިކަން ކުރަން ބޭނުންވާ ރައީސުންނަށްވެސް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެއެވެ. މައުމޫނުގެ ވެރިކަމުގައި ދަންވަރު މީހުން ނިދާފައި ތިއްބައި ގެންގޮސް ކުޑަގޮޅިއަށް ލިޔެވެ. ނަމަވެސް، މިފަދަ ދައުވާއިން އެގިގެން މިދަނީ ދެން ރާއްޖޭގައި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އަދި ކޮންމެ މީހަކުވެސް އަމަލުކުރަންވާނީ މިހާރު މިއޮތް ގާނޫނު އަސާސީއާ އެއްގޮތަށް ކަމެވެ.

ތިމަން މިހުރީ އެދައުވާއަށް ޖަވާބުދާރީވާށޭ. އަދި ކޯޓަށްވެސް ހާޒިރުވާށޭ ބުނެފައި އެމްޑީޕީ އޮފީހަށް ގޮސްފައި މިހާރު ބުނަނީ އެދައުވާ އަނބުރާ ގެންދާށޭ ކަމަށެވެ. ކޮންފަދަ ލަދުހުތުރު ކަމެއްތޯއެވެ؟ މީހެއްގެ ވިއްޔާ ގޮތެއް ހުންނަން ޖެހޭނެއެވެ. ވެރިއެއް ވިއްޔާ ތިމާ ބުނާ ބަހަކީ އަގެއް ހުރި އެއްޗަކަށް ހަދަން ޖެހެއެވެ.

މައުމޫނަކީ ބުނާ ބަހާ އަމަލާ ދިމާވާ މީހެއްނޫނެވެ. މިއަދު އެސިފަ ނަޝީދުގެ ކިބައިންވެސް ފެނެއެވެ. މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލަން ބޭނުމެއް ނޫނޭ ބުނެ މިހާރު އެހުރީ މަގުމައްޗަށް ނުކުމެ ވެރިކަން ވެއްޓޭތޯއެވެ. ބޯހަލާކު!

 

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ނަޝީދުގެ ދައުވާ އަނބުރާ ގެންދިޔުމަށް އެމްޑީޕީއިން ގޮވާލުން"