Live Traffic

Mar 31, 2012

ދައުލަތުގެ ހަރަދު ބޮޑުވުން، ވިސްނަންޖެހޭ ކަމެއް

ދައުލަތުގެ ހަރަދު ބޮޑުވުމަކީ ހައްލު ހޯދަން ވެފައިވާ އެންމެ ބޮޑު މައްސަލައެވެ. މައުމޫނުގެ ވެރިކަން ނިމިގެން ދިޔައިރު ދަރަނި އޮތެވެ. ވެރިކަން ބަދަލުކުރަން ޖެހުނު އެއްސަބަބަކީވެސް ބޭކާރު ހަރަދު ގިނަވެ، ގައުމުގެ ދަރަނިތައް ބޮޑުވުމާއި ގައުމު ބޭރަށް ދަރާ ހުސްވާކަމަށް ފެނުމުންނެވެ. އެކަން ރަނގަޅު ކުރާނަމޭ ބުނެ ވެރިކަމަށް އައި ރައީސް ނަޝީދަށްވީ އެވަރެވެ.

ކުރީގެ 30 އަހަރުގެ ދަރަނިތަކާއި ފާއިތުވެ ދިޔަ 3 އަހަރުގެ ދަރަނިތައް ނުބައްދަލެވެ. އިކޮނޮމިކް މިނިސްޓަރު އެވަނީ ފައިތުވީ 3 އަހަރު ދައުލަތުގެ ދަރަނި ތިން ގުނަ ބޮޑުވެއްޖެކަމަށް ބުނެފައެވެ. ނަމަވެސް، އެދަރަނިތައް ކުޑަކުރުމަށް އޭނާ ކުރާކަމެއް އަދި ނުބުނެވެއެވެ. ކުރާ ތަނެއްވެސް ނުފެނެއެވެ. ރައްޔިތުން އެދެނީ ފޮނި ވާހަކަތަކަކަށް ނޫނެވެ. އަމަލީގޮތުން ދަރަނިތައް ކުޑަކޮށް މިގައުމު ސަލާމަތްކޮށްދިނުމަށެވެ. ގައިމު ވަޒީރުކަމުގެ މުސާރަ ނަގަނީ އެކަންކަން ކުރެވޭނެ ކަމަށް ފެންނާތީތާއެވެ.

އެއް ކޮމްޕިއުޓަރުން ސަރުކާރު ހިންގައި، މަތިބަރު ނޫން ސަރުކާރެއްގެ ވައުދުވި ރައީސް ނަޝީދުގެ ހާލަތަކީ މައުމޫނު ސިޔާސީ މަގާމުތަކަށް އައްޔަން ކުރި މީހުންނަށް ވުރެ އެތައް ގުނައެއް އިތުރުވުމެވެ. މައުމޫނެކޭ އެއްފަދައިން ނަޝީދު ދެކެ ބަޔަކު ހިތްހަމަ ނުޖެހެނީވެސް މިފަދަ ސަބަބުތަކާ ހުރެއެވެ. އެއަށް ފަހު، އިހުނަށް ވުރެ ކަންތައް ރަގަޅުވާނެކަމަށް ރައީސް ވަހީދުގެ ވެރިކަމާއެކު އުއްމީދުކުރެވުނެވެ. ނަމަވެސް، އެ އުއްމީދުވެސް މިވަނީ ބިލާހަކަށް ވާން ގާތްވެފައެވެ.

މިހާރުވެސް 14 މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރާއި ނައިބުން އައްޔަން ކުރެވިއްޖެއެވެ. ނަޝީދަށްވުރެ އަދަދު އަދި މަދެވެ. އެއްވަރު ނުވާނެއެކޭ ނުވަތަ ގިނަ ނުވާނެއެކޭ ބުނަން ދައްޗެވެ. އެކަން އެނގޭނީ އަދި ފަހުންނެވެ. މިހާރުވެސް އެހެރަ ދަނީ މަގާމުތަކަށް މީހުން ލެވެމުންނެވެ. އައްޔަން ކުރެވޭ ގިނަ މީހުންނަކީ ބޭކާރު ބަޔަކޭ ބުނަން ޖެހެނީ އެމީހުންގެ ބޭނުމެއް ނެތީމައެވެ. ނުވަތަ ހަމައެކަނި ދައުލަތުގެ ފައިސާއިން ބަޔަކަށް ބަހަން އުޅޭހެން ހީވާތީވެއެވެ.

ރާއްޖޭ ފަދަ ކުޑަ ތަނަކަށް 14 ވުޒާރާ ހަމަ ބޭނުންތޯއެވެ. އަދި ކޮންމެ ތަނަކަށް ދެތިން ނައިބުންނާއި ސްޓޭޓް މިނިސްޓަރުން ބޭނުން ހެއްޔެވެ؟ އެމީހުންނާ ނުލައި ސަރުކާރެއް ހަމަ ނުހިންގޭނެ ހެއްޔެވެ؟ އެތަން ތަނުގައި ތިބޭ ވަރުވަރުގެ ޑިރެކްޓަރުންނާއި ޑިރެކްޓަރު ޖެނެރަލުންނަކީ އަޅެ ފަހެ ކީއްކުރާ ބަޔެއް ހެއްޔެވެ؟

ދެން މިހާރު މިއިވުނީ އަނެއްކާވެސް އިތުރު ދެ މިނިސްޓްރީއެއް އުފައްދަން އުޅޭ ވާހަކައެވެ. ނައިބަކު ލައިގެން ފަރު ޖައްސާ ނުލެވެނީ ހެއްޔެވެ؟ ޑިޕާޓްމަންޓަކުން ނުވަތަ ސެކްޝަނަކުން ނުކޮށްލެވީ ހެއްޔެވެ؟ މިގޮތަށް މިނިސްޓަރީ ހަދަން ވެއްޖެނަމަ ކޮންމެ ކަމަކަށް މިނިސްޓްރީއެއް ހުންނަން ޖެހޭނެއެވެ. މިދުވަސްކޮޅުގައި އަލަށް އުފައްދަން އުޅޭ ހިއުމަން ރައިޓްސް މިނިސްޓްރީއެއްގެ ވާހަކަ އިވެއެވެ. ކޮމިޝަނަކުން އެކަން ހަމަ ނުވަނީ ތޯއެވެ. އެހެން ވެއްޖެޔާމު ކޮމިޝަނުގެ ނަންބޯޑު ބަދަލުކޮށް މިނިސްޓަރީއަކަށް ހަދާލަން ވީ ނޫންހެއްޔެވެ.

ގައިމު އެއްކަމެއް ޔަގީނެވެ. ނޫސްބަޔާން ނެރުމުގެ އިތުރަށް ކަމެއް ނުވާނެއެވެ.

މިހެން މިވާހަކަ ދައްކަން ޖެހެނީ މިފަދަ ބޭކާރު ހަރަދުތަކުގެ ސަބަބުން އާއްމު މީހާގެ ދިރިއުޅުމަށް ދަތިވާތީވެއެވެ. މަގާމުތައް އުފައްދައި، އިގުތިސޯދަށް ދިވެހި ރުފިޔާ ގިނަ ކުރި ވަރަކަށް ޑޮލަރު ފަހާ ދުވާ ފައިސާ ގިނަވާނެއެވެ. އޭގެ ސަބަބުން ޑޮލަރުގެ އަގުބޮޑުވެ، ތަކެތީގެ އަގު އުފުލެވެ. މިކަންކަމާމެދު ފިޔަވަޅު އެޅުމަށް ނަޝީދުގެ ސަރުކާރުންވަނީ ޝައްކެއް ނެތް މިންވަރަށް ފޭލިވެއެވެ. ޑރ ވަހީދަށް ކިހާވަރެއް ވާނެ ބާވައެވެ؟ އަދި ކަމެއް ކުރާ ތަނެއް ނުފެއެވެ. މިފަހަރު ކަމެއް ނުކުރެވިއްޖެޔާމު ސިޔާސީ ހަޔާތާމެދު ވިސްނާނެކަމެއް ނެތެވެ.

އެއިރުން މައުމޫނާއި ނަޝީދަށް ފަހު "ފޭލި" ބޯޑު އަޅުވާނީ ވަހީދުގެ ކަރުގައެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ދައުލަތުގެ ހަރަދު ބޮޑުވުން، ވިސްނަންޖެހޭ ކަމެއް"