Live Traffic

Mar 24, 2012

ސިޔާސީ ބޭނުމުގައި އެކުވެރިން ކަތިލަން ނަޝީދު ތައްޔާރުގައި

ދުނިޔޭގެ އެހެންތަނަކުވެސް ދެކެފައި ނުވާ ކަންތައް ނިކަން ކުރައްވައެވެ. ކެބިނެޓު އެކުގައި އިސްތިއުފާދެއްވުމަށް އެންގެވީ ސީދާ ނަޝީދުކަން މިހާރު މިވަނީ އެވަޒީރުންގެ ބަހުން އެގި ހާމަވެފައެވެ. ފަހުން ކަންތައް ވީގޮތުން (އިސްތިއުފާދެއްވި ގިނަ ވަޒީރުންނަށް އަލުން ރުހުން ނުލިބުމުން) އެއީވެސް ފަހުން އެޅުއްވުނު ޅައެއްޗެއްކަން އެގުނެވެ. އަބްދުއްލޯ ގާޒީ ބަންދުކުރުމަކީ އެޅުނު ނުކަށިކާރު ފިޔަވަޅެއްކަމަށް ރޮއިޓާސްގައިވަނީ އިއުތިރާފުވެފައެވެ.

ނަމަވެސް، އެމްޑީޕީ މެމްބަރުންނާ މުހާތަބުކޮށް ގަދަ ބަސްފުޅު ވިދާޅުވަމުން ގެންދެވިއެވެ. ތިމަން މަނިކުފާނަކީ ވަލީއުލް އަމުރަށް ވީހިނދު އަދުލު އިންސާފުގެ ނިޒާމު ބޮއްސުންލައިގެން ދިޔުމުން ބަލަން ނުހުރެވޭނެކަމާއި ކޯޓާ 100 ފޫޓު ކައިރިއަކަށް އޭނާއަކަށް ނުދެވޭނެކަމާއި ދެންވެސް އޭނާ ހައްޔަރުކުރާނެ ކަމަށް ވިދާޅުވިއެވެ. އޯޑިޔޯ އާއި ވީޑިޔޯތަކުގައި ހެކިވަނީ ރައްކާކުރެވިފައެވެ. އަނެއްކާ އެކަން ކުރީ ހުދު އެމަނިކުފާނުކަމަށް އެމްޑީޕީގެ މީހުންނާއި އެހެން ފަރާތްތަކުންވެސް ގަބޫލުކޮށް އެމަނިކުފާނަށް ހުޝާމަތުކޮށް އުޅުނެވެ.

ނަމަވެސް، އެންމެ ބޮޑު ސިހުމެއް އައީ އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް ސުވާލުކުރުމަށް ގެންދެވުމުން ދިޔާ އިދިކޮޅަށް ބަޔާނެއް ދެއްވުމުންނެވެ. އަބްދުއްލޯ ގާޒީ ބަންދުކުރިކަން އެނގުނު ކަމަކަށް ނުވިއެވެ. އެފަދަ އޯޑަރެއް ދެއްވިކަމަކަށް ނުވިއެވެ. އެކަން އެގުނު ހިސާބުން އެބޭފުޅާގެ ރައްކާތެރިކަމަށްޓަކައި ހުދު އެބޭފުޅާ ޖާމިނުވި ވާހަކަ ވިދާޅުވެއްޖެއެވެ. ކިހާ ބޮޑު އަޖާއިބެއްތޯއެވެ. ކުރިން ވިދާޅުވަމުން ގެންދެވި ވާހަކަ ފުޅުތައް ކޮބާތޯއެވެ؟

ބިރެއް، ލަދެއް ނެތި ވާހަކަ އަނބުރާލެއްވީ ގާނޫނީ ގޮތުން އައިސްދާނެ އަދަބަކަށް ކަމާމެދު ޝައްކެއްނެތެވެ. ނަމަވެސް، އެކަން މިވަނީ ޑިފެންސް މިނިސްޓަރު ތިމާގެ އެންމެ އެކުވެރި ތޮލްހަތުގެ ބޮލުގައި އަޅުވާފައެވެ. މިހާރު މިވީ ގޮތުން ގާނޫނު އަސާސީ މުގުރާލުމުގެ އަދަބު އަންނާނީ ތޮލުހަތަށް ވިއްޔާއެވެ! ޖަލާއި ކުޑަގޮޅީގައި އުމުރު ހޭދަކުރަން ޖެހޭނީ އެފަކީރަށް ވިއްޔާއެވެ. ހެއްލުމަކީ ގެއްލުމެކޭ ބުނަނީ މިހެންވެގެންނެވެ. މިއީ ދިވެހިންގެ ތެރެއިން ފެންނަ އާ ކަމެއް ނޫނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އެދުވަހު ނުކުންނަވައި ނޫސްވެރިންނަށް އެމަނިކުފާނު ވިދާޅުވީ އެކަންވެފައި އޮތް ގޮތަކީ އަބްދުއްލޯ ގާޒީއަކީ ގައުމީ ނުރައްކަލެއްކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފަށް ފެނިވަޑައިގެން ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓަރު ތޮލްހަތަށް ދެންނެވުމުން ފިޔަވަޅު އެޅުއްވީއެވެ. އެކަމާ އެމަނިކުފާނާ ހުރި ގުޅުމެއް ނެތްކަމަށް ވިދާޅުވެއްޖެއެވެ.

ދެން މިކަމުން ނުކުންނާނެ އިތުރު ސުވާލަކީ އަބްދުއްލޯ ގާޒީއަކީ ގައުމީ ނުރައްކަލެއް ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފަށް ފެނިވަޑައި ގަތީ ކިހިނެތްތޯއެވެ؟ އެސުވާލުގެ ޖަވާބު މީޑިޔާއިން ކުރިން ވަނީ ހާމަކޮށްފައެވެ. އެއީ އަބްދުއްލޯ ގާޒީއާ މެދު ފިޔަވަޅު އެޅުއްވުމަށް ހޯމް މިނިސްޓަރަށް ލިޔުއްވީ ރައީސް އޮފީހުން ނަޝީދުގެ ސެކެރެޓަރީ ހިސާން ހުސެންއެވެ. އެސިޓީވަނީ މީޑިއާއަށް ލީކުވެފައެވެ. ރައީސް ނަޝީދު ދަންނަވައިގެން ކަމަށެވެ. ދެން، މިހާރު ކަންތައް ވާގޮތުން އެހެން ނުދަންނަވާ ކަމަށް ވިދާޅުވުން ވަރަށް ގާތެކެވެ.

އެހެން ވެއްޖެއްޔާމު، ތޮލްހަތެކޭ އެއް ފަދައިން ހިސާންވެސް ނަޝީދުގެ ހައްގުގައި ގުރުބާން ކުރެވޭނެއެވެ. ރައީސްގެ ހުއްދަނެތި ރައީސް ވިދާޅުވިކަމަށް ބުނެ ދައުލަތުގެ ތަކެތި ބޭނުންކޮށްގެން ރައީސްގެ އަގު ވައްޓާލުމަށް މަސައްކަތްކުރެއްވި ކަމުގެ އަދަބެވެ. ހާއިނެއްގެ ލަގަބުލިބި، ޖަލަށް ލެވޭނެއެވެ. ތިމާގެ މުސްތަގުބަލާއި ކެރިއާ ގެއްލި ދާނެއެވެ. ރައީސް ނަޝީދު އެހެން ވިދާޅުވެއްޖެ ހާލަތެއްގައި ދިފާއުގައި ދައްކަވާނީ ކޮން ވާހަކައެއްތޯއެވެ؟ އެމަނިކުފާނު ވިދާޅުވާ ކޮންމެ ވާޙަކައެއް ގަބޫލުކުރާ ބަޔަކު ފަހަތްޕުޅުގައި އެބަތިއްބެވެ. އެދުވަހަކުން ތިމާ ނިސްބަތްވާ ޕާޓީއިން ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

މިކަމާ ވިދިގެން އެމްޑީޕީ މެމްބަރު ބުންޏެވެ. "ތަލްހަތު އެކަމަށް އެއްބަސްވާށެވެ. ނަޝީދު ސަލާމަތްކޮށްދޭށެވެ. އަހަރެމެންގެ ޕާޓީގެ ރިޔާސީ ކެޑިޑޭޓު ސަލާމަތްކުރެވޭނީ އެއިރުންނެވެ. އޭނާ އިންތިހާބު ކުރެވޭނީ އެއިރުންނެވެ. ދެން އެއަށް ފަހު ރައީސްކަން ލިބުމުން ތަހްލަތަށް މާފުދީ ސަލާމަތްކޮށްދޭނެއެވެ." ދެން އަހަރެންގެ ހިތަށް އެރީ ދެން ނަޝީދު އިންތިހާބު ނުވެއްޖެޔާމު ތަލްހަތު އެއަދަބުގައި ޖަލުގައި މުޅި އުމުރަށް އޮންނާނީތޯއެވެ؟ އޭނާގެ އާއިލާ އާއި އަނބިދަރިންނާ މެދު އަޅާލާނީ ކާކުތޯއެވެ؟






Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ސިޔާސީ ބޭނުމުގައި އެކުވެރިން ކަތިލަން ނަޝީދު ތައްޔާރުގައި"