Live Traffic

Mar 11, 2012

ދައުލަތުން ކުރާ މައްސަލަތައް ސާބިތު ނުވާ އެންމެ ބޮޑު މައްސަލައަކީ ދައުވާކުރުމުގައި ދޯހަޅިވުން

ކުރިން ދައުލަތުގެ ފަރާތުން ދައުވާ ކުރަނީ ބަންޑާރަ ނައިބެވެ. އައު ގާނޫނު އަސާސީ އެކުލަވާލެވުނު ދުވަސްވަރު މާރިޔާދީދީ ކޮންމެވެސް އެއްޗެކޭ ހިތަށް އަރައިގެން ދައުވާކުރުމުގެ ބައި ބަންޑާރަ ނައިބުގެ ކިބައިން ނަގައި ޕީޖީ ކިޔާ މަޖިލީހުން އައްޔަންކުރާ މީހަކަށް އެމަސްއޫލިއްޔަތު ދިނުމަށް ހުށައަޅާ ފާސްކުރިއެވެ. މިހާރު އެއޮތީ އެގޮތަށެވެ. ދެގުނައަށް ދައުލަތުގެ ހަރަދުބޮޑުވެ، ބޭކާރު މަގާމަކާއި ބަޔަކު އިތުރުވެފައެވެ.

ކޮންމެއަކަށް ޕީޖީ ނުވަތަ ޕުރޮޒިކިޔުޓަ ޖެނެރަލް ނުވަތަ ދައުލަތުގެ ފަރާތުން ދައުވާކުރާ ފަރާތެއްގެ ގޮތުގައި މަގާމެއް އުފެދި އަހުމަދު މުއިއްޒު ވަނީ އެމަގާމަށް ބޮޑު މުސާރައާއި ކާރުކޮޅާއި އެތަކެއް އިނާޔަތެއް ދެވި އައްޔަން ކުރެވިފައެވެ. ދައުލަތުން އޭނާއަށް ކުރަމުންދާ ހަރަދާ އަޅާބަލާއިރު އޮއްޓަރު ހުރި މަސައްކަތެއް ކުރެވޭތޯ މިއީ ސުވާލު އުފެދޭކަމެކެވެ. ދިވެހި ދައުލަތުގެ ގިނަ މުއައްސަސާތަކެކޭ އެއްފަދައިން ނޫސްބަޔާން ނެރުމަށް ވަރަށް ރަގަޅެވެ. ގާނޫނީ ޒިންމާ އަދާކުރުމަށް ހަމަ ސުމެކެވެ.

ޕީޖީ އޮފީހުގެ މަސައްކަތަކަށް ބަލާއިރު މައިގަނޑު ދެ މައްސަލައެއް ފެނެއެވެ. ފުރަތަމަ މައްސަލައަކީ މައްސަލަތައް ދައުވާ ނުކުރެވި ދިގުލައިގެން ދިޔުމެވެ. ކުށްވެރިން އަތުލައިގަނެ، ބަންދުގެ މުއްދަތު އިތުރުކޮށް، އެމުއްދަތު ހަމަވާއިރުވެސް ދައުވާ ކުރެވޭ ކަމަށް ނުވެއެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ވިސްނުމަށް ބަލާއިރު އިންސާފު ނުލިބި މައްސަލަ ދިގުލައިގެން ދިޔުމަކީވެސް އެމީހަކަށް ލިބޭނެ އެންމެ ބޮޑު ބޭއިންސާފެވެ. ޒިންމާ ވާނީ ކާކުތޯއެވެ؟
ދެވަނަ މައްސަލައަކީ ޕީޖީގެ ފަރާތުން ކުރެވޭ ދައުވާތަކުގައި އޮއްޓަރެއް ނުހުރުމެވެ. ތަނާ އަލަށް ގުޅޭ ޅަވަރުގެ ކުދިން ލައިގެން، ކޯޓުތަކުގައި ފަޑިޔާރުން ކުރާ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދެވެއެވެ. މައުލޫމާތު ސާފުކުރަން އިތުރު ފުރުސަތަކަށް އެދުމާއި ބުނާނެ އެއްޗެއް ނެތުމާއި މައްސަލައާ ގުޅުމެއް ނެތް ނުބައި ދައުވާއެއް ކުރުމަކީ ވަރަށް އާއްމު ކަންތައްތަކެކެވެ. މިހެން ވުމުން ދިފާއީ ވަކީލު މައްސަލަ އަނބުރާލަނީ ފުއްގަނޑެއް މޮޑެލާހެންނެވެ.

ދެން އަނެއްކޮޅުން، ބަލަން ޖެހިފައިވާ ކުށް މައްސަލައެއް އެބައޮތެވެ. ދައުވާތަކުގެ އޮއްޓަރެއް ނުހުންނަ ވާހަކަ ދެކެވޭއިރު، ގަސްދުގައި ބަޔަކު މައްސަލަތަކުން ސަލާމަތްކުރުމަށް ދައުވާ ހީނަރުކޮށް ކުރެވޭ ވާހަކައަކީވެސް މިހާރު މާލެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ކުށްވެރިން ސަލާމަތް ވާނޭހެން ދައުވާ ކުރެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ އިގިލި ދިއްކުރެވެނީ ޕީޖީ އޮފީހުގެ ނައިބުގެ މައްޗަށެވެ. މިމައްސަލަ ބެލެން ޖެހެއެވެ. ކުށެއް ނުކުރައްވާ ބޭފުޅެއްނަމަ، އެކަމުން އެބޭފުޅާ ބަރީއަ ކޮށްދިނުމުގެ ގޮތުންނެވެ.

ކޮންމެއަކަށް އިންސާފުގެ ދަތުރެއް ފަށައިގެން އުޅޭއިރު ދެކެވެން ޖެހޭ ވާހަކަތަކަކީ މިއީއެވެ. މިގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭނީ ކިހިނެއްކަމާއި ރަނގަޅުކުރަން ޖެހިފައި ހުރި މައްސަލަތަކުގެ ބަހުސް ކުރެވެން ޖެހެއެވެ. އަދި މިފަދަ މައްސަލަތައް ރަނގަޅުކުރުމަށް އެންމެން އެކެއްޗެއް ކިޔައިގެން މަސައްކަތްކުރަން ޖެހިއްޖެއެވެ.




Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ދައުލަތުން ކުރާ މައްސަލަތައް ސާބިތު ނުވާ އެންމެ ބޮޑު މައްސަލައަކީ ދައުވާކުރުމުގައި ދޯހަޅިވުން"