Live Traffic

Jan 20, 2012

ހުވާކޮށްގެން ތިބި ފަރާތްތައް ކޮބާ؟

ޖުޑިސަރީގައި ހައްލުކުރަން ޖެހޭ ލައްކަ މައްސަލަ އެބަހުއްޓެވެ. ނަމަވެސް، ގާނޫނުގެ ބޭރުން ކަމެއް ކުރުމަށް ފުރުސަތު ދެވިގެން ނުވާނެވެ. ގާނޫނު ތެރެއިން ހައްލު ނުކުރެވޭ ވަރު ކަމެއް އަދި ނުވެއެވެ. (ނޭގެއްޔާމު އަހާށެވެ. މިހާރުގެ ހާލަތު ގާނޫނު ތެރެއިން ހައްލުކުރާނެ ލައްކަގޮތްތައް ކިޔައިދީފާނަމެވެ.) ތަކެތީގެ އަގު ބޮޑުވުމާއި، ޑޮލަރުގެ ކަޅުމާޒުކޭޓު ނުހުއްޓުވުން ފަދަ ކަންތައް ތިމާ އައްޔަންކޮށްފައި ތިބި މީހުންގެ ނާގާބިލުކަމުން ނުވުމަކީ އެހެންކަމެކެވެ. ޖުޑިސަރީ އިސްލާހު ނުކުރެވިގެން އުޅެނީވެސް މިބީދައިންނެވެ.

ގާނޫނު އަސާސީގެ ބާރު ކަޑުވާލެވި، ކޮންމެ އިރަކުވެސް ލުހެލައިގެން ގެންގޮސްފާނެކަމުގެ ބިރުވެރިކަން އުފެދިފައި މިވާ ދަޑިވަޅުގައި، އަދި ގާނޫނު އަސާސީއިން ރައްޔިތު މީހާއަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ނެތް ހިނދުގައި، ގާނޫނު އަސާސީ ހިމާޔަތްކުރާނެކަމަށް ހުވާކޮށްގެން ތިބި ފަރާތްތައް ކޮބާތޯ މިއީ އުފެދޭ ސުވާލެކެވެ. އެންމެހައި ރައްޔިތުންގެ ލައުނަތް އެފަރާތްތަކަށް ހުއްޓެވެ. އަމަލުން ނުވަތަ ބަހުން ގާނޫނު އަސާސީގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ކޮންމެ ދިވެހިރައްޔިތަކަށް ވާޖިބެވެ.

ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ހުވާކޮށްގެން ހުރި ރައީސް ނަޝީދުއެވެ މަނިކުފާނުގެ ހުވާގެ މަތިން ހަދުމަކުރާ ހުށިކަމެވެ. މަނިކުފާނު ހުވާކޮށްގެން ތިހުރީ މިކައުނު ގައިވާ ހައި އެންމެހައި އެއްޗެއް އެންމެ ފުރިހަމަ ގޮތުގައި ހެއްދި ރައްބު ހެކިކޮށެވެ. އެރައްބުގެ ކުޅަދުންވަންތަ ކަން އެރައްބު ހެއްދި ތަކެތީގެ ފުރިހަމަކަމުން ފެންނަން މިހިރީއެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމުގައި ނޫނީ ނުވެއެވެ. ކޮންމެ މީހަކުމެ މަރުވާނެއެވެ. ތިމާކުރި ހުވަޔާއި ތިމާގެ މަސްއޫލިއްޔަތާމެދު ސުވާލުކުރެވޭނެ ކަން ދަންނާށެވެ. ތިމާގެ މަރު ނާންނާނެގޮތެއް ހެދެންޏާމު ގަދަ ބަސްބުނެ ބޮޑާކަމާއެކު ގޮތުގައި ހިފަހައްޓާށެވެ. ނޫނީ ތިމާގެ އަމަލުތައް ސީދާކޮށް ހެޔޮމަގަށް ރުޖޫއަވާށެވެ. ތިމާގެ ހުވަޔަށް ރައްކާތެރިވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭވެ. ތިބާ މީހުންގެ މުސާރަ ހަލާލުކުރުމަށް އަވަސްވެގަންނާށެވެ. ތިބާގެ މުސާރަ އެއީ ގާނޫނު އަސާސީ ދަމަހައްޓައި ސަރުކާރު ޖަވާބުދާރީކުރުމަށް އަހަރެމެން ރައްޔިތުން ދީފައިވާ އެއްޗެކެވެ. ތިމާ ނިސްބަތްވާ ޕާޓީގެ ވެރިން ދޭއެއްޗެއް ނޫނެވެ. އެކަން ހަދާން ކުރާށެވެ. ޕާޓީގެ ވިސްނުމުން ހިނދުކޮޅަކަށް ނަމަވެސް ނުކުމެ ގާނޫނު އަސާސީ ނެގެހެއްޓުމަށް އިލްތިމާސްކުރަމެވެ. އެއަށް ވުރެ ބޮޑު މަސްއޫލިއްޔަތަކީ ކޮބާ ހެއްޔެވެ؟ ގާނޫނު އަސާސީގެ ދިފާއުގައި ކުރީ ސަފުގައި ތިބެން ޖެހެނީ ރައްޔިތުންނެއް ނޫނެވެ. ރައްޔިތުން މުސާރަދީ އެކަމަށް ހުވާކޮށްގެން ތިބި ތިޔަ މެމްބަރުންނެވެ. އެކަން ނުކުރެވޭނަމަ، ގެއަށް ވަޑައިގަންނަވާށެވެ. ވަކި ޕާޓީގެ މިވަނި މީހެކޭ ކިޔާނެކަމެއް ނެތެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީ ނުވަތަ އެހެން ކޮމެޓީއެއްވެސް ބާއްވަންވީ މެމްބަރުން ކޯޅި ޒުވާބުކުރާކަށް ނޫނެވެ. މި ނާޒުކު ދަނޑިވަޅުގައި ގާނޫނު އަސާސީގެ ބާރު ކަޑުވާލެވިފައިވާ އިރުގައި އެކަމާމެދު ގޮތެއް ނިންމުމަށެވެ. ގާނޫނު އަސާސީ ހިމާޔަތްކުރުމަށެވެ. އިއްޒަތްތެރި މެމްބަރުންގެ ކަރާމާތާމެދު ޖަދަލުކުރަން ބޭނުމިއްޔާ އެހެން ތަނެއްގައި އެކަން ކުރައްވާށެވެ. ގައުމީ ސަލާމަތުގެ ކޮމެޓީގައި މަހުލޫފު އަމަލުކުރެއްވި ގޮތް އަހަރެމެން ކުށްވެރިކުރަނީ ހިތާމަޔާ މާޔޫސްކަމާއެކުގައެވެ. އެފަދަ ކޮމެޓީތަކަށް، އެފަދަ މުހިއްމު ނިންމުމެއް ނިންމަން އައުމުގެ ކުރިން ތިމާ ރައްޔިތުންގެ ހައްގުގައި ގާނޫނު އަސާސީ ނެގެހެއްޓުމަށް ކޮށްފައިވާ ހުވާގެ މަތިން ހަދުމަކުރާށެވެ. އަދި ޕާޓީގެ ވިސްނުމާއި ތިމާގެ ޖަޒުބާތް އެއް ފަރާތްކުރުމަށް އިލްތިމާސްކުރަމެވެ.

އޭއް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. ތިމާގެ މަސްއޫލިއްޔަތު މިދަނޑިވަޅުގައި އެންމެ ރަނގަޅަށް އަދާކުރެވޭ ކަމަށް ދެކެވަޑައި ގަންނަމުތޯއެވެ؟ ބަހެއް ވިދާޅު ނުވެ ތިޔަ ހުންނަވަނީ ރައްޔިތުން މަނިކުފާނަށް ގޮތެއް ނެހެދޭނެކަމަށް ދެކޭތީތޯއެވެ. އަދި ތިމާއަށް ލިބިފައިވާ ހިމާޔަތާއި ރައްކާތެރިކަމާއި ކަރާމަތަށް ތޯއެވެ؟ ތިމާގެ މަސްއޫލިއްޔަތާމެދު އިހުމާލުވުމުން އެތަކެއް ރައްޔިތެއްގެ ސުންޕާ ދުއާ މަނިކުފާނުގެ މައްޗަށް ކެނޑިޅޭނި ކުރެވެމުންދާ ކަން ހަދުމަކުރާށެވެ. މަނިކުފާނާ ހަވާލުވެފައި ތިޔަވަނީ ކުޑަ މަސްއޫލިއްޔަތެއް ނޫނެވެ. ތިން ލައްކަ ރައްޔިތުންގެ ހައްގެވެ. އެމީހުންގެ ފަރާތުން ބަސްބުނެ ސަރުކާރު ހަމަ މަގަށް އެޅުވުމުގެ ޒިންމާއެވެ.

ގާނޫނު އަސާސީ ނަގަހައްޓަން ހުވާކޮށްގެން ތިބި މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އުއްތަމަ ފަޑިޔާރު ފާއިޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ބަންޑާރަ ނައިބު އަބްދުއްލޯ މުއިއްޒު، ޕުރޮޒިކިޔުޓަ ޖެނެރަލް އަހުމަދް މުއިއްޒު، އަދި ފުލުހުންނެވެ. ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ހުވާކޮށްގެން ތިބީ ކޯޓުތަކުގެ ފަޑިޔާރުންނާއި ސިފައިންނާއި، ވަޒިރުންނާއި އަދި ގާނޫނީ ވަކީލުންނާއި އަދި ގާނޫނު އަސާސީގެ ދަށުން އައްޔަންކޮށް ނުވަތަ އިންތިހާބުކުރެވިފައިވާ ފަރާތްތަކެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ހުވާކޮށްގެން ތިބި ފަރާތްތައް ކޮބާ؟"