Live Traffic

Feb 7, 2012

ގާނޫނުގެ ވެރިކަން ހިމާޔަތްކުރުމަށް ފުލުހުން ވީ ގުރުބާނީ

އަބްދުއްލޯ ގާޒީ ސިފައިން ފޮނުވައިގެން ހައްޔަރުކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރެވިފައި އޮތް ކަމެއް ކަމަށް އެންމެން ދިޔައީ ބުނަމުންނެވެ. އެންމެންނޭ މިދެންނެވީ އަންނި ކައިރީގައި އުޅޭ މީހުންނާއި އެމްޑީޕީގެ ހާޑުކޯ މަދު ބަޔަކު ނޫނީ ދެން އުޅޭ ހުރިހާ މީހުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެކެވެ. އަދި މަތީ ކޯޓުތަކުގެ ހުކުމްތަކަށް ބޯ ނުލަބަން ބުނި ހިސާބުން ގާނޫނުގެ ވެރިކަން ވަނީ ހުއްޓިފައެވެ. ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ދައުލަތުގެ ދެން ހުރި ބާރުތަކަށާއި މުއައްސަސާތަކަށް ގޮން ޖެހިއެވެ.

ނަމަވެސް، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއަދު ދިވެހިންގެ މުއައްސަސާތަކުގައި ތިބީ ތައުލީމީ ލޯހުޅުވިފައިވާ ތަންދޮރު ވަކިވާ ޒުވާނުންތަކެއް ކަމެވެ. ފަރުވާ ކުޑަ ކަމުގެ ސަބަބުން ކަމެއް ނުވުމަކީ އެހެން ކަމެކެވެ. އެހެނަސް، ދީނާއި ގައުމު ދެކެ ލޯބި ވެއެވެ. އަދި ގައުމަށް ރަގަޅުވާނީ ގާނޫނީ ވެރިކަމެއް ކޮށް، މަދު ބަޔެއްގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު ކުރިއަރުވައިގެން ކަމަށް ދެކެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ހިމެނޭކަމަށް ބުނަން ޖެހެނީ ފަހަކަށް އައިސް ކެނެރީގޭ ނަޝީދުގެ އަމަލުތަކަށް ޕާޓީގެ މެމްބަރުންގެ ތާއީދު ގެއްލެމުން ދިޔުމެވެ.

އިއްޔެ ވެރިކަން ބަދަލުވާން ޖެހުނު މައިގަނޑު ސަބަބަކީ ގާނޫނީ ވެރިކަމެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދިނުމަށް އެމީހުންގެ ވެރިން ނުކުޅެދުމާއި އޭގެ ބަދަލުގައި ސިފައިން ލައްވާ ބާރުގެ ބޭނުން ކުރަން އުޅުމެވެ. ފުލުހުންނާއި ސިފައިން ކުރިމަތިލި ހިނދުކޮޅަކީ ކޮންމެ ދިވެހި ދަރިއަކުގެ ހިތުގެ އަޑިން ރޮއި ގިސްލި ވަގުތުކޮޅެކެވެ. މިގައުމުގެ ސުލުހަ އާއި މަސްލަހަތު ގެއްލި، ދާހިލީ މައްސަލަތަކެއް ފެށި، ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި ހިނގާދާނެކަމަށް ބެލެވުނު ހިނދުކޮޅެކެވެ.

އެދަނޑިވަޅުގައި ސިފައިން ފަހަތަށް ޖެހުމާއި، ގައުމުގެ މަސްލަހަތު ކުރިއަށް ނެރުމާއި، ދިފާއީ ބާރުގެ ކުރީގެ ވެރިންތަކެއް އަމިއްލައަށް އިސްނަންގަވައިގެން ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމާއި ކެނެރީގޭ ނަޝީދު ދޫދެއްވުމަކީ އެކަމުގެ ހުރިހާ ބިރުވެރިކަމެއް ފިލައިގެން ދިޔުމުގެ ސަބަބެވެ. ގާނޫނުގެ ބޭރުން އަމަލުތަކެއް ކުރެއްވި ނަމަވެސް، އަންނި ދޫދެއްވުމަކީ މިގައުމަށް ކޮއްދެއްވި އެންމެ އަގުބޮޑު ހިދުމަތްކަމުގައި އަޅުގަނޑުމެން ދެކެނީ ލޯތްބާއި އިހުތިރާމާއެކުގައެވެ.

މިއަދު މިއޮތީ އަނެއްކާވެސް ގާނޫނު ވެރިކަން ހިނގަން ފަށާފައެވެ. ލިބުނު ނަސްރަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ނަސްރެއް ނޫނެވެ. އަދި މައުމޫނު ސަރުކާރުގެ ހިޔާނާތްތެރިންނަށް ލިބުނު ނަސްރެއްވެސް ނުމެ ނޫންމެއެވެ. އެއީ ގާނޫނުގެ ވެރިކަން ހިމާޔަތްކުރުމަށް ފުލުހުން ވީ ގުރުބާނީއެކެވެ. އެންމެ މީހަކަށް ވުރެ، އަދި އެންމެ ޕާޓީއަކަށް ވުރެ ގައުމުގެ މަސްލަހަތު ބޮޑުކަމަށް ބުނީއެވެ. އަދި ސިޔާސީ ވަކިތަކުން ދިފާއީ ބާރާއި ފުލުހުން ސަލާމަތްކޮށް، އެމީހުންގެ ހުވަޔާ އެއްގޮތަށް އަމަލުކުރުމަށް އަޒުމް އާކުރީއެވެ.

އެމްއެންބީސީގެ ނަން ޓީވީމޯލްޑިވްސްއަށް ބަދަލުކުރުމަކީ މައުމޫނު ދެކެލޯބިވުން ކަމުގައި ބަލައިގެން ނުވާނެއެވެ. އެއީ ނަޝީދުގެ ސަރުކާރުގެ ސިޔާސީ ވަކިތަކުން ދައުލަތުގެ މުއައްސަސާއެއް މިނިވަން ކުރުމެވެ. އަންނި ވެރިކަމަށް އައިރު އެއީ މައުމޫނު ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ސިޔާސީ ނުފޫޒުތަކުން ވަކިކޮށް، ވަކި ފަރާތަކަށް ނުޖެހޭ ދައުލަތުގެ މުއައްސަސާއަކަށް ހައްދަވާފައިވާ ތަނެކެވެ. މިއަދުވެސް އެތަން ބަދަލުވެގެން އެދިޔައީ ކުރިން ހުރި ވިސްނުމަށެވެ. އަދި ޓީވީއާއި ރޭޑިޔޯ އެވިސްނުމުގައި ތަރައްގީކޮށްދެއްވާނެ ކަމުގައި އެމްބީސީގެ އުމަރު މަސައްކަތްކޮށްދެއްވާނެ ކަމުގައި އުއްމީދުކުރަމެވެ.

އެއްބައިވަންތަ ސަރުކާރެއް އެކުލަވާލެވެން އުޅޭ ވާހަކަތަކެއް ދެކެވޭ ދަޑިވަޅެއްގައި އެމްޑީޕީގެ ތެދުވެރި، ގައުމަށް ވަފާތެރި ދަރިން އެއްފަރާތްކުރެވިގެން ނުވާނެއެވެ. އެއީ ބޮޑު އާބާދީއެކެވެ. އަދި ގިނަ މީހުންނަކީ އަންނިގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މާޔޫސްވެފައި ތިބި މީހުންނެވެ. އެހެން ކަމުން، މިއަދު ބަލަންވީ ކުލައަކަށް ނޫނެވެ. ފުރުސަތު ދޭންވީ ގާބިލު ދަރިންނަށެވެ. އަލަށް ވަޒީރުންނަށް ލާ ބޭފުޅުންނަށް މަގާމުގެ ގާބިލުކަން ދެއްކުމަށް 100 ދުވަސް ދެއްވާށެވެ. މައުމޫނު ކުރެއްވި ރަނގަޅު ކަންތައްތަކުންނާއި ނަޝީދު ކުރެއްވި ރަނގަޅު ކަންތައްތަކުން އިބުރަތް ހާސިލުކުރައްވާށެވެ.

އެމްޑީޕީގެ ރައީސް ޑރ ޑީޑީ އަށް ލީޑަޝިޕް ދެއްކެވުމަށް ގޮވާލަމެވެ. ޕާޓީ ރުކުރަވާލައި ހަމަޔަކަށް އަޅުއްވައި ދެއްވާށެވެ. މާރިޔާއާއި ރީކޯގެ ލީޑަޝިޕް އެވަނީ ފޭލުވެފައެވެ. އެމީހުން އެމްޑީޕީ ބޭނުންކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ދެކޭ މީހުން ޕާޓީ ތެރޭގައި ގިނައެވެ. އަދި ޑީޑީ އާއި އިންތިހާބުކޮށްފައި ތިބި މީހުން އެކަހެރިކޮށްފައި ތިބި ކަމަކީ ހަގީގަތެކެވެ. ވެރިކަން ވެއްޓުމުގެ މައިގަނޑު އެއް ސަބަބަކީވެސް ޕާޓީގެ މެމްބަރުން ޕާޓީގެ ސިޔާސަތު ހިންގޭ ގޮތާ މެދު ނުރުހުމެވެ. ޑރ ވަހީދު ތަންފިޒުކުރަން ޖެހިފައިވަނީ އެމްޑީޕީގެ ބަޖެޓަކާއި ކުރިއަށް ގެންދަން ޖެހިފައިވަނީ އެމްޑީޕީގެ ތަރައްގީގެ ޕުރޮގުރާމުތަކެއްކަމުން، ޑރ ޑީޑީ އަށް އަޅުގަނޑުމެން އިލުތިމާސް ކުރަނީ ޑރ ވަހީދާ ގުޅިގެން މަސައްކަތްކުރެއްވުމަށެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ގާނޫނުގެ ވެރިކަން ހިމާޔަތްކުރުމަށް ފުލުހުން ވީ ގުރުބާނީ"