Live Traffic

Feb 3, 2012

އަދުލު އިންސާފު ލިބޭނީ ސަރުކާރު ހަރުދަނާ ކުރެވިގެން

އަބްދުއްލޯ ގާޒީ ހައްޔަރުކުރެވިފައި މިވަނީ އަދުލު އިންސާފު ނުލިބޭތީކަމަށް ބުނެވެއެވެ. ޝައްކެއް ނެތެވެ. އަދުލު އިންސާފެއް ނުލިބެއެވެ. ޝަރުއީ ދާއިރާގައި ލައްކަ މައްސަލަ އެބަހުއްޓެވެ. ނަމަވެސް، އަބްދުއްލޯ ދެހަފުތާ ވަންދެން ހައްޔަރުކޮށްގެން ލިބުނު އިންސާފެއް ނެތްތަނުގައި މިގައުމުގައި ގެއްލިފައިވާ އިންސާފު ހޯދައިދޭން އުޅޭތަނެއް ވެސް ނުފެނެއެވެ. ކުރާކަމެއް ނުވަތަ ކުރަން ރާވާފައި ހުރި ކަމެއްވެސް ނުފެނެއެވެ.

މައްސަލައަކީ ހަގީގަތުގައި ސަރުކާރުގެ ހިންގުން ބޮއްސުންލައިފައި އޮތުމެވެ. ނާގާބިލު މީހުން ގިނަވުމާއި ރައްޓެހިކަމުން ނުވަތަ ތިމާގެ ކަމުގެ ސަބަބުން އެފަދަ މީހުން މަގާމުތަކުގައި ބައިތިއްބުމެވެ. އޭގެ އެންމެ ހާމަކަން ބޮޑު މިސާލަކީ އަންނީގެ ފަހަރި ހެލްތު މިނިސްޓަރު ޑރ އައިމިނަތު ޖަމީލެވެ. ދެމީހަކު ދެބަސް ނުވާނެ ފަދައިން މިސަރުކާރުގެ އެންމެ ބޮޑު ބަލިފަޔަކީ ސިއްހީދާއިރާއެވެ.

އަބްދުއްލޯ ގާޒީގެ މައްސަލައަށް ޖެހިލާއިރު، މަގާމުން ފުރަތަމަ ވަކި ކުރަންވީ ބަންޑާރަ ނައިބު އަބްދުއްލޯ މުއިއްޒެވެ. އެމަނިކުފާނުގެ މަގާމު ތަކާއި މަސްއޫލިއްޔަތުތައް ކޮށްދޭނެ ބަޔަކު ބިޑުގެ އުސޫލުން ހޯދަން އިއުލާނު ކުރި ވާހަކަ ވާނީ ކުރިން ލިޔުމެއްގައި ވިދާޅުވެފައެވެ. ކޯޓުތަކުގައި ކުރި ގިނަ ދައުވާތައް އޮއްޓަރު ނެތުމުގެ ސަބަބުން ވަނީ ނާކާމިޔާބުވެފައެވެ. އަދި ގާނޫނުގެ އިމުން ނުހޯދޭނެ ލަފައެއްވެސް ވަނީ ސުޕުރީމު ކޯޓުން އަހާފައެވެ

އެންމެ ބޮޑު މައްސަލައަކީ މިހާތަނަށްވެސް ޖުޑިސަރީ އިސްލާހުކުރުމަށް ހަދަންޖެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، ހަދަންޖެހޭ ގާނޫނުތަކާއި، އިސްލާހުކުރަން ޖެހޭ ގާނޫނުތައް ހެދުމަށް ބަންޑާރަ ނައިބު ވަނީ ނުކުޅެދިފައެވެ.

ގިނަ ބަޔަކަށް ނޭނގޭ އަދި އޮޅިފައިވާ ކަމެއް އަޅުގަނޑުމެން ސާފުކޮށްދޭނަމެވެ. އެއީ ދަށު ކޯޓުތައް އިސްލާހުކޮށްގެން އިންސާފު ގާއިމުކޮށް ނުދެވޭނެ ކަމެވެ. އަދި އިންސާފު ލިބޭނީ އަދުލު އިންސާފުގެ ނިޒާމުގައި ހިމެނޭ 4 މުއައްސަސާވެސް ހަރުދަނާވެ، ގުޅިގެން މަސައްކަތްކޮށްގެން ކަމެވެ. އެ ހަތަރު މުއައްސަސާއަކީ ފުލުސް އޮފީސް (ތަހުގީގުކުރާ ފަރާތް)، ޕީޖީ އޮފީސް(ދައުވާކުރާ ފަރާތް)، ކޯޓުތައް (ހުކުމް ކުރާ ފަރާތް) އަދި ޕެނިޓިޝަރީ (ކުށްވެރިން ހައްޔަރު ކުރާ ފަރާތް) އެވެ.

ކިތަންމެ ހަރުދަނާކޮށް ކޯޓުތައް މަސައްކަތްކުރިޔަސް ރަނގަޅަށް މައްސަލަ ތަހުގީގު ނުކުރުން، ނުވަތަ ރަނގަޅަށް ދައުވާ ނުކުރުމުން އިންސާފު ލިބޭނެތޯއެވެ. ޝަރީއަތަށް ސާބިތު ނުވާ ގިނަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި މައްސަލަ ހުންނަ ކޭސްތަކާއި ދައުވާ ކުރުމުގައި ބަލިކަށިވުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ އަންނި ވިދާޅުވި ޑުރަގުގެ ބޮޑުންގެ 6 މީހުންގެ ތެރެއިން އެކަކު ދޫވި މައްސަލައާއި ކުޑަކުދިންނަށް ހުރި ބިރެއް ކަމުގައިވާ ފަޒީލުގެ މައްސަލައެވެ. މިކަންކަން ރަގަޅުކުރުމަށް ބަންޑާރަ ނައިބަށް ކުރެވޭ ލައްކަ ކަންތައް އެބަހުއްޓެވެ.ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް ބަންޑާރަ ނައިބަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ކުރެވިދާނެ އެތަކެއް ކަމެއް އެބަހުއްޓެވެ. ސީދާގޮތުން ކުރެވިދާނެ ކަންތައްތަކަކީ ބޭނުންވާ އައު ގާނޫނުތައް ހެދުމާއި މައްސަލަ ހުރި ގާނޫނުތައް އިސްލާހު ކުރުމެވެ. އަދި ހަރުދަނާ ގަވާއިދުތަކެއް ހެދުމެވެ. ނުސީދާގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޯޓުތައް ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ތެރެއިން ފޯރުކޮށްދިނުމެވެ.ޕީޖީ އަމަލުކުރަން ޖެހޭ އުސޫލުތައް ފަރުމާ ކުރަނީ ބަންޑާރަ ނައިބަށްވީއިރު،

ދައުވާ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމެއް ނުކުރެވޭނެ އެކޭ ބުނެވޭނެތޯއެވެ. އަދި ވަކިން ހާއްސަކޮށް މިދެތަނުގައި ދެބެން ތިބެގެން މަސައްކަތްކުރާއިރުވެސް ހެއްޔެވެ؟ ނަމަވެސް، ބޮއްސުން ލާފައިވާ ޕެނިޓިޝަރީއަކީ މިސަރުކާރު ނާގާބިލުކަން ރަމްޒުކޮށްދޭ ކަމެކެވެ. މީހުން މަރާ މީހުން ދޫވެގެން ދެވަނަ ފަހަރަށް މީހުން މަރާފައި އެބަހުއްޓެވެ. ޒިންމާ ނަގާނީ ކާކުތޯއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އަދުލު އިންސާފު ލިބޭނީ ސަރުކާރު ހަރުދަނާ ކުރެވިގެން"