Live Traffic

Showing posts with label މަޖިލީސް، މެމްބަރުން، މުޒާހަރާ. Show all posts
Showing posts with label މަޖިލީސް، މެމްބަރުން، މުޒާހަރާ. Show all posts

Dec 30, 2010

ރައްޔިތުންގެ ލޭބޯ މަޖިލީހާ ދެކޮޅަށް މުޒާހަރާކޮށްފި

މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ރައްޔިތުންގެ މަޖްލީސް ކައިރިއަށް ގިނަޢަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާ ކޮށްފިއެވެ. މުޒާހަރާ ކުރި މީހުން ގޮވާލީ މަޖްލީސް އުވާލުމަށާއި މަޖްލީހުގެ މެންބަރުން އިސްތިޢުފާދިނުމަށެވެ. އަޑުގަދަކުރާއާއި، ބެނާތަކާއި، ބޯޑުތައް ހިފައިގެން ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި މަސައްކަތެއް މަޖިލީހުން ނުކުރާ ކަމަށް ބުނެ ނުރުހުން ފާޅުކުރިއެވެ. އަދި މެމްބަރުންނަށް އިތުރަށް ފައިސާ ހޯދައިދިނުމަށްޓަކައި، މަޖްލީސް ކުރިމަތީ ފަންޑު ފޮށްޓެއް ބަހައްޓައި މުޒާހަރާ ކުރަމުން ދާ މީހުން އެއަށް ލާރި އަޅާފައިވެއެވެ.

މުޅި އަހަރު ނިޒާމީ ނުކުތާ ނަންގަވައިގެން 82،500 ރުފިޔާ ހޯއްދެއްވިކަމަށް މުޒާހަރާގައި ބައިވެރިވި މަދަނީ ޖަމިއްޔާތައް ކަމުގައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޑިމޮކްރެސީ ނެޓްވޯކްއިން ތުހުމަތުކުރިއެވެ. ދައުލަތުގެ މުވައްޒަފުން (ސިލިވްސާވަންޓުން) ގިނަ އަދަދަކަށް ހިމެނޭ މިމުޒާހަރާގައި އެމީހުންގެ މުސާރަ ބޮޑު ނުކޮށް މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުނުކުރުމަށް ގޮވާލިއެވެ. ވަކި ގުރޫޕެއް ހަދައިގެން އައިސް، ޖޫޑިޝަލް ސަރވިސް ކޮމިޝަނަށް ރައީސް ނަޝީދު އައްޔަނުކުރައްވާފައިވާ މެންބަރު އައިސަތު ވެލެޒިނީ ރައްޔިތުންގެ މަޖިލިސް އުވާލުމަށް ގޮވާލިއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޖޫޑިޝަލް ސަރވިސް ކޮމިޝަނުގެ މައްސަލަތަކެއް ނުބަލާކަމަށް ތުހުމަތުކޮށްފައެވެ.

މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރާ ހިފަހައްޓަން މަސައްކަތްކުރުމާއި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އާމިރު އާއި އިތުރު މެންބަރެއްގެ ދަތްދޮޅި ދަށަށް މުޒާހަޜާގެ ބައިވެރިން ވަނީ އަތްލާފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ބައެއް އެމްޑީޕީ މެންބަރުން ވެސް ވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކުގެ ވެސް އިސްތިއުފާއަށް ގޮވާފައެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވައި މެމްބަރުންގެ މުސާރައިގެ އަދަދުތައް ސާފުކޮށްދެއްވިއެވެ. މިއެއްމެންވަނީ ރައްޔިތުންގެ ފެލާލައިގެން ތިމާމެންގެ ބޮޑިވަރު އިތުރުކުރުމަށް ވޯޓުދީފައެވެ.

އަހަރެމެން ރައީސް ނަޝީދަށް ގޮވާލަނީ ރައްޔިތުންގެ މަޖިލީސް އުވާލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ހާއްސަ ހާލަތުގައި ރައްޔިތުންނަށް ފެންނަގޮތް ރައްޔިތުންގެ ކިބައިން ހޯދުމަށްޓަކައި ގާނޫނު އަސާސީ ބުނާތީވެއެވެ. މިފަދަ ވޯޓެއް ލޯކަލް އިންތިހާބުގެ ތެރެއިން ގެންދާނަމަ އިތުރު ހަރަދުތަކެއްވެސް ނުހިގާނެއެވެ. މީގެ އިތުރުން، ދައުލަތުގެ މުސާރައިގެ ތަފާތުތައް ނައްތާލައި، ދައުލަތުގެ އާއްމުދަނީއަށް ބަލައިގެން މުސާރަތައް ތަރުތީބުކުރުމުގެ ގޮތުންނާއި، މަޖިލީހާއި މިނިވަން މުވައްސަސާތަކުގެ މުސާރަތައް އަމިއްލައަށް ކަޑައެޅުމުން ނުކުންނަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ މުސާރަތަކާބެހޭ ކޮމިޝަނާ ބެހޭ ބިލެއް މަޖިލީހަށް ހުށައެޅުމަށް ބަންޑާރަ ނައިބަށް ގޮވާލަމެވެ.

ރައްޔިތުންގެ މަޖިލީސް އުވާލަން ޖެހެނީ

ހ. މެމްބަރުންގެ ޒިންމާ ހެޔޮގޮތުގައި ނުއުފުލާތީވެ މާލީގޮތުން ރައްޔިތުންނަށް ދަތިވުން

ށ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ސަރުކާރު ހިންގުމުގެ ބާރަށް ހުރަސްއެޅުން. އެގޮތުން، އެންމެ ފާހަގަކުރެވޭ ކަމަކީ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ ބަދަލުގައި ތިމާމެންގެ އަމިއްލަ މުސާރަބޮޑު ކުރުމަށް ފާސްކުރުމެވެ. އިތުރު ކުރި 200 މިލައަން ރުފިޔާގެ ސަބަބުން ސަރުކާރަށް މާލީގޮތުން ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ނ. ގާނޫނުތައް ފާސްކުރުމުގައި ރައްޔިތުންގެ މަސްލަހަތު ހަދުމަނެތިކޮށް، ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކުރުން. އޭގެ ތެރޭގައި ދައުލަތަށް (ރައްޔިތުންނަށް) ލިބެންޖެހޭ އާއްމުދަނީ ކަމަށްވާ (ޓެކުސް ނުދައްކާ އަގުބޮޑު ކާރުތައް ގަނެގެން) އިންޕޯޓު ޓެކުހުން ރެކެން މަސައްކަތްކުރުމާއި، ދައުލަތުގައި ފައިސާ ނެތްއިރު ރައްޔިތުން އިތުރަށް ފެލާލުމުގެ ގޮތުން ރައްޔިތުންގެ ރުހުމާ ދެކޮޅަށް ދައުލަތުގެ ހަޒާނާއިން ލާރި ނަގަން މަސައްކަތްކުރުމެވެ.

read more...