Live Traffic

Dec 17, 2011

ބޮޑު މުޒާހަރާގެ ބޭނުމަކީ ޝަރުއީ ހުކުމްތައް ތަންޒީރުކުރުމުގައި ހިޔާލުތަފާތުވުން: ރައީސް ނަޝީދު

ރައީސް ނަޝީދު ގެންދަވަނީ އިސްލާމްދީނޭ ނުވަތަ އިސްލާމީ ޝަރީއަތޭ ކިޔައިގެން ދޭތެރެ ދޭތެރެއިން ރައްޔިތުންގެ ރުޅި އަރުވަމުންނެވެ. ގިނަ ފަހަރަށް ކިޔޭ ނުކިޔާ ނޭނގެއޭވެސް ބުނަންޖެހެއެވެ. ނޫންނަމަ، ރާއްޖޭގައި އޯލެވެލް ހަދާފައި ހުރި ކުއްޖަކަށް އިސްލާމްދީން އެނގޭވަރަށް ވެސް ނޭނގޭކަމަށް ދޭހަވާ ފަހަރު އާދެއެވެ. އެއް ހަގީގަތަކީ ރައީސް ނަޝީދު ޅަފަތުރު ތައުލީމު ހާސިލުކުރެއްވީ އިގިރޭސިވިލާތުގައެވެ. އެހެންކަމުން، އިސްލާމްދީނާ ބެހޭގޮތުން ޅައުމުރުގައި އުނގެނި ވަޑައިގެންފައި ނުވުމަކީ ގާތްކަމެކެވެ.

އިއްޔެގެ ރޭޑިޔޯ ހިތާބުގައި އަނެއްކާވެސް މޮޅު ވާހަކައެއް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެއީ ބޮޑު މުޒާހަރާ ކުރަން އެއުޅެނީ އިސްލާމުދީނުގެ ހައްދުތައް މިގައުމުގައި ގާއިމުކުރަމުންދާ ގޮތާ މެދު ބަޔަކު މީހުން ހިލާފު ތަފާތުވެގެން އެހެން ގޮތަކަށް އެކަން ކުރަން ބޭނުންވުންކަމަށެވެ. އަދި އެކަމާމެދު ސިޔާސީ ޕާޓީތަކުން މަސްވަރާކޮށް، ގޮތެއް ނިއްމައިދިނުމަށް އެދޭކަމަށް ވިދާޅުވެވިއްޖެއެވެ. މިއީ އާދައިގެ މީހަކަށް ނަގައިނުގަނެވޭ ނަމަވެސް ސީރިއަސް ވާހަކަތަކެކެވެ.

ބޮޑު މުޒާހަރާގެ ބޭނުމަކީ ސަރުކާރުން ދޭތެރެ ދޭތެރެއިން ޕުރޮމޯޓުކުރާ ލާދީނީ ފިކުރުތަކަށް ނޫނެކޭ ބުނުންކަން އެންމެންނަށް އެނގޭއިރު، ރައީސް މިވަނީ އެބޭފުޅާގެ އަމިއްލަ މަގުސަދެއް އޭގެ ތެރެއަށް ލައްވާފައެވެ. އާދެ، އެއީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ އެމްބެސެޑަރ ނަވީ ޕިއްލޭގެ ގޮވާލުމަށް އިޖާބަދީ، އިސްލާމީ ޝަރީއަތް ގާނޫނު އުގޫބާތުގައި ލިޔާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލައިފައެވެ.

އެހެން ރޭޑިޔޯ ހިތާބެއްގައި ގުރުއާނުގެ އަސާސުން އައިސްފައި ހުރި ހުކުމްތައް ރަނގަޅު ނޫންކަމަށާއި އެކަންކަން ރާއްޖޭގައި ތަންފީޒުކުރަން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވެފައިވާއިރު، މިފަހަރު މިވިދާޅު އެއްޗެއްގެ މަގުސަދަކީ ކޮބާތޯ ސުވާލުކޮށްލަ ބަލާށެވެ. އެއީ މިހާރު ޒިނޭކުރާ އަންހެނާ އާއި ފިރިހެނާ ކުރެން ދެމީހުންކުރެ ކޮންމެ މީހެއްގައި 100 އެތި ފަހަރު ޖަހާށޭ ގުރުއާނުގައި އޮންނަ އުސޫލު އަދި ރާއްޖޭގައި ކަން ހިނގަމުންދާގޮތް ބަދަލުކުރުމަށް ގޮވާލި ގޮވާލުމެއްކަމުގައި ބެލޭނެ ޖާގަ އެބައޮތެވެ.

ލާދީނީ އެޖެންޑާއެއް ސަރުކާރުން ފަތުރާކަމަށް ތުހުމަތުކުރެވެނީ މިފަދަ ވާހަކަތައް ވެރިމީހާ ދައްކާތީވެއެވެ. ތިމާއަށް އެއްޗެއް ނޭނގޭ ހާލުގައި ކަން އޮތްގޮތް ޑރ ބާރީމެން ފަދަ މީހުންކުރެން އެއްސެވުމުގެ ބަދަލުގައި ތިމަތިމާއަށް ފެންނަހާ ވާހަކައެއް ހިތުހުރިގޮތަކަށް ރައްޔިތުންނާ ދިމާއަށް ވިދާޅުވަމުން ގެންދަވާތީވެއެވެ. އަދި ލާދީނީ އެޖެންޑާއެއް ޕުރޮމޯޓުކުރުންކަން ދޭހަވާ އަމަލުތަކެއް ސަރުކާރުން ހިންގަވާތީވެއެވެ.

އެމްޑީޕީއިން ގޮވާލި މުޒާހަރާއާ މެދު ޝައްކު އުފެދެނީ މިފަދަ ކަންތައް ހުރެފައިމެ، ކަންތައްތައް ރަނގަޅުކުރެވޭނެ މަގު ސަރުކާރަށް އޮތް އިރު، އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ވިންދާ ދިމާ އިދިކޮޅަށް އަދި ތިމާގެ އަމިއްލަ ޕާޓީގެ މެދުގައި ބައިބައިވުން އުފެދޭގޮތަށް އަމަލުކުރައްވާތީވެއެވެ. އަދެފަހެ، އައްޑޫގައި ހުރި ހުރިހާ މޮނިޔުމެންޓުތަކެއް ނެގުމުން ސަރުކާރަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ގައިމު ގައުމީ މަސްލަހަތަށް ޓަކައި ކުރާކަމަކަށް އަވައްޓެރިން ތުންފިއްތާނެއެކޭ ނުބުނާނަމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ބޮޑު މުޒާހަރާގެ ބޭނުމަކީ ޝަރުއީ ހުކުމްތައް ތަންޒީރުކުރުމުގައި ހިޔާލުތަފާތުވުން: ރައީސް ނަޝީދު"