Live Traffic

Jan 3, 2011

ދިވެހިފޯސްޓު ހިންގަނީ ޔާމީނުބާ؟

ކުރިން އެއީ އަބުދުއްލޯ ޔާމީނެވެ. މިހާރު ޔާމީން އަބުދުލް ގައްޔޫމެވެ. މައުމޫނަކީ ގިނަ ރައްޔިތުން ލޯބިވާ ސަހުސިއްޔަތަކަށްވެފައި، މައުމޫނުގެ ނަމާ އެއްގޮތް ކޮށްލުމުގެ ގޮތުންނެވެ. މައުމޫނުގެ ވެރިކަމުގައި ރެދުލާން ފެށި އެއް ސަބަބަކީ އެއްބަފާ ކޮއްކޮ ޔާމީނާއި ޅިޔަނު އިލިޔާހުގެ ކޯޅުމެވެ. ދެމީހުންވެސް ވެރިކަން ބޭނުމެވެ. މައުމޫނަށް ފަހުގައެވެ. ނުވަތަ މައުމޫނު ބޭރުކޮށްފައެވެ. މިލިޔުމުގެ މައުލޫއަކީ އެދެ ހަތުރުންގެ ވާހަކަ ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހިޕޯސްޓޭ ކިޔައިގެން ހިންގާ ސައިޓު ހިންގަނީ ކޮންބަޔެއްތޯ، ކޮން ވިސްނުމެއްގެ ބަޔެއްކަން މިމައުލޫއުގައި ދެތިން އެއްޗެއް ބުނެލުމެވެ.

ކޮއިމަލާ ސައިޓު:

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ކޮޅުގައި ކޮއިމަލާ ކިޔާ ސައިޓެއް ވުޖޫދަށް އައެވެ. ކޮއިމަލާ ޑޮޓް ކޮމްގެ ގޮތުގައެވެ. މިހާރު އެސައިޓު ފެންނާކަށް ނެތެވެ.

ފާޑުކިޔާ ފަރާތްތައް: އެމްޑީޕީ، ޅިޔަނު އިލިޔާސް އިބްރާހީމް އަދި ދެބައިމީހުންގެ އެކުވެރިންނާއި އެހީތެރިން އަދި ޑރ ހަސަން ސައީދުމެންގެ ގުރޫޕް

ހުޝާމަތުކުރާ ފަރާތްތައް: އަބްދުއްލޯ ޔާމީނާއި އޭނާގެ އެކުވެރިން.

ފާހަގަކުރެވުނު ކަންތައްތައް:

ހ. މައުމޫނަށް ހެޔޮއެދެނީ އިލިޔާސަށްވުރެ ޔަމީންކަމަށް ލިޔުމެއްގައި އޮތުން

ށ. މައުމޫނަށް އަސްލު ހެޔޮއެދެނީ ޔާމީނުކަމަށް މައުމޫނުގެ ދަރިންނަށް ބުނެދީ، އިންޒާރުކޮށް ލިޔުމެއް ލިޔުން.

ނ. ޔާމީނުގެ މޮޅު ވާހަކަ ދޭތެރެ ދޭތެރެއިން ލިޔުން

ރ. މީހުން ނުދޭ އިންޓަވިޔުތައް ދިނޭ ކިޔައިގެން ލިޔަމުން ގެންދިޔުން. މިސާލަކަށް، ޑރ ޝިހާމް، އެބޭފުޅާ ކޮއިމަލާއަށް އިންޓަވިޔެއް ނުދެއްވާކަމަށް ނޫސް މަޖައްލާތަކަށް ވިދާޅުވެދެއްވީ އެވާހަކަ ކޮއިމަލާގައި ޖެހުމުންނެވެ.

ބ. އެދުވަސްކޮޅު ޔާމީނަށްވުރެ ޑރ ހަސަނުމެން މައުމޫނު އިތުބާރުކުރާ މީހުންގެ ގޮތުގައި ތިބުމާއި އެމީހުންގެ ނުފޫޒު ޑީއާރުޕީ ތެރޭގައި ބޮޑުވުން

ރާއްޖެމިއަދު:

ރާއްޖެމިއަދަކީ މިހާރުވެސް ހިނގަމުން ގެންދާ ސައިޓެކެވެ. އެޑުރެހަކީ ރާއްޖެމިއަދު ޑޮޓް ކޮމް އެވެ.

ފާޑުކިޔާ ފަރާތްތައް: މިހާރުގެ ސަރުކާރަކާއި ޑީއާރުޕީގެ ލީޑަރު ތަސްމީނަށާއި އަބްދުއްލޯ ޝާހިދު

ހުޝާމަތުކުރާ ފަރާތްތައް: ޔާމީނުގެ ލީޑަޝިޕަށާއި ޕީއޭގެ "މޮޅު" ސިޔާސަތުތަކަށް

ފާހަގަ ކުރެވޭ ކަންތައްތައް:

ހ. ޔާމީނުމެން ކުރާ ވިޔާ ނުދާކަންތައްތައް ނުލިޔުން. މިސާލަކަށް ރައްޔިތުން ފެލާލައިގެން ތިމާމެންގެ މުސާރަ ބޮޑުކުރަން ޔާމީނާއި އޭނާގެ ބައިވެރިން ވޯޓުލީ ވާހަކަ

ށ. ޔާމީނާއި އޭނާގެ ބައިވެރިން މަޖިލީހަށް ބިލެއް ނުވަތަ އެހެން އެފަދަ ކަމެއް ކޮށްފިޔާމު އަވަހަށް އެހަބަރު ޖެހުން

ނ. ތަސްމީނަށާއި އޭނާގެ އެކުވެރިންނަށް ފާޑުކިޔުމާއި އުމަރު ނަސީރަށް ތާއީދުކުރުން

ރ. ޒައީމު މައުމޫނުގެ އުފަންދުވަހު ތަހުނިޔާ ފޮނުވުމާއި މައުމޫނަށް ތައުރީފުކުރުން

ދިވެހިޕޯސްޓު:

ދިވެހިޕޯސްޓަކީ މިހާރުވެސް ހިނގަމުން ގެންދާ ސައިޓެކެވެ. އެޑުރެހަކީ ދިވެހިޕޯސްޓު ޑޮޓް ކޮމް އެވެ.

ފާޑުކިޔާ ފަރާތްތައް: މިހާރުގެ ސަރުކާރަކާއި ޑީއާރުޕީގެ ލީޑަރު ތަސްމީނަށާއި އަބްދުއްލޯ ޝާހިދު

ހުޝާމަތުކުރާ ފަރާތްތައް: ޔާމީނު، ޕީއޭގެ "މޮޅު" އިގުތިސާދީ ވިސްނުން، އުމަރު ނަސީރުގެ އެކުވެރިން، ޒައީމް މައުމޫނު

ފާހަގަ ކުރެވޭ ކަންތައްތައް:

ހ. ސިޔާސަތަށް ބެލުމުގެ ބަދަލުގައި މީހާއަށް ބަލައިގެން ފާޑުކިޔުން. މިސާލަކަށް ސަރުކާރުން ކުރާ ހުރިހާ ކަމަކާ ދެކޮޅު ހެދުމާއި ފާޑުކިޔުން. އެއް މިސާލަކީ ފެރީގެ ނިޒާމު ހުއްޓާލުމަށް ގޮވާލުން.

ށ. އެމްޑީޕީގެ މެމްބަރުން ކުރާ ހުރިހާ ކަމަކީ ގޯސްކަމަކަށް ވާއިރު، ޑީއާރުޕީގެ މެމްބަރުން ކުރާ ގޯސް ކަމެއްގެ ވާހަކަ ނުލިޔުން.

ނ. ސަރުކާރުގެ ރަގަޅު އެއްމެ ސިޔާސަތެއްވެސް ނެތުން

ރ. ތަސްމީނުގެ ރާވައިގެން މަޖިލީސް ދޮށު މުޒާހަރާކުރި ވާހަކަ ލިޔުނުއިރު، ޔާމީނު ޕާޓީގެ ހުރިހާ މެމްބަރުން ރައްޔިތުން ފެލާލުމަށް ވޯޓުލީ ވާހަކަ ނުލިޔުން.

ބ. ރައްޔިތުން ފެލާލުމަށް ޔާމީނު ވޯޓުދީފައިވާއިރު، އަހަރުގެ ސަހުސިއްޔަތަށް ހޮވުން. (އަހަރުމެން ދެކޭގޮތުގައި އަހަރުގެ އިދިކޮޅު ޝަހުސިއްޔަތަކީ އުމަރު ނަސީރެވެ. ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމު އިންތިހާބުން ކާމިޔާބުކޮށްފިއެވެ. އެކި ނަންނަމުގައި ކެޑިނޭޅި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މުޒާހަރާކުރުމާއި އަޑު އުފުލާފައިވެއެވެ. ޔާމީނާ ހިލާފަށް އުމަރުގެ ސަޕޯޓަރުން ގިނައެވެ. ބައިވެރިވީ އިދިކޮޅު ހަރަކާތްތައްވެސް ގިނައެވެ. ޔާމީނު މުޒާހަރާތަކަށް އައިސް ވާހަކަދައްކަނީ އުމަރު އެކަންތައް އިންތިޒާމުކުރުމުންނެވެ.)

ލިޔަން ގަސްދުކުޅަ ހަމައަށް ލިޔެ ނިމުނީއެވެ. ދެން، ސުރުހީގައިވާ ސުވާލަށް އިންސާފުކުރުން ކިޔުންތެރިންނަށް ދޫކޮށްލަމެވެ.




Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ދިވެހިފޯސްޓު ހިންގަނީ ޔާމީނުބާ؟"