އަރަބިއްޔާގެ މައްސަލައިގައި ސަރުކާރުގެ ނިންމުން ބަދަލު ނުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި އެކަމުގައި ސުކޫލުގެ ބޯޑާއި ބެލެނިވެރިންގެ އަޑު އަހަން ބޭނުން ނޫންކަމަށް ބުނެއްޕެވެ. މިކަލޭގެ މިކުރަނީ ރައްޔިތުންގެ ވެރިކަމެއްތޯއެވެ. ނުވަތަ ތިމާގެ ދެތިން ރައްޓެހިން ހިތް ރުއްސުމަށް ކުރާ ވެރިކަމެއްތޯއެވެ. އެހެންޏާފަހެ، ރައްޔިތުންގެ ވެރިކަމަކީ ރައްޔިތުން ރުހޭގޮތަށް ކުރާ ވެރިކަމެކެވެ. ގޮތް ދޫނުކުރާން ހިފާފައި ހުރިއިރު އެކަމަށް ރަނގަޅު ސަބަބެއްވެސް ދެއްކެނީ އެއް ނޫނެވެ. ސަރުކާރުގެކަމާ ބެހޭ ވެރިން ދައްކާ ވާހަކަ ދިމާލެއް ނުވެއެވެ. އޭގެ މިސާލުތައް ތިރީގައި ލިޔެލާނަމެވެ.
ސަރަގު އާދަންމަނިކު
ސަރަގޭއަކީ މާލޭ މުނިސިޕަލްޓީގެ ރައީސްގެ ހައިސިއްޔަތުން މާލޭގެ ބިން ބޭނުންކުރުމާ ގުޅޭގޮތުން ނިންމާ ފަރާތެވެ. އޭނާގެ ވާހަކައަކީ، އަރަބިއްޔާ އެހެން ތަނަކަށް ބަދަލު ކުރަން ސަރުކާރުން ނިންމީ ވަރަށް ވިސްނާފަކަމަށެވެ. (ބޮޑުބޭބެ: އެބުނާ ވިސްނިކަމަކީ އަރަބި ތައުލީމު ދިވެހިގައުމުން ފޮހެލުމޭ.) އަދި މުޒާހަރާކޮށްގެން އެނިންމުން ބަދަލު ނުކުރެވޭނެ ކަމަށެވެ. (ބޮޑުބޭބެ: ޑިމޮކުރަސީގައި އެވެރިން އެޖަހަނީ މިހާރު ކޮޅުފައިންތާއޭ. ރައްޔިތުމީހާގެ އަޑުނާހައި ރައްޔިތުމީހާއަށް ވެރިކަން ކޮށްދޭނީ ކިހިނަކުންހޭ؟) އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަނީ ދުރު މުސްތަގުބަލަށް ވިސްނާފައި ފުރިހަމަ ޕުލޭނެއްގެ ދަށުން ރައްޔިތުންނަށް އެންމެ ފައިދާ ވާނެގޮތަކަށެވެ. (ބޮޑުބޭބެ: ކަލޯ ސަރަގޭޔާއޭ، ތިޔަބުނާ ޕުލޭނެއް ބުނެ ނުދެވިގެން ތިޔަ އުޅެނީ ކިޔެއްވެގެންހޭ؟). އަދި، ސަރުކާރުގެ އަމާޒަކީ ޢަރަބިއްޔާ ސްކޫލްގައި މިހާރުދެވޭ ތައުލީމު ރާއްޖެތެރެއިން ކުދިންނަށް ހާޞިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. (ބޮޑުބޭބެ: ކަލޯ ސަރަގޭ އަމިއްލަޔަށް ބޭޒާރުވީތާއޭ؟ ތިޔަހުރީ ހޭބުއްދީގާހޭ؟ މާލޭގައި އިސްކޫލު ނުހިންގިގެން ބޭރުމީހުންނަށް ތަންތަން ކުއްޔަން ދެމުން ދުވާއިރު، އަރަބިއްޔާގެ ކިތައް އިސްކޫލު ރާއްޖެތެރޭގައި ހިންގޭނެހޭ؟ އެކަމާގުޅޭ ދުރުވިސްނޭ ޕުލޭނެއް ވެސް އޮންނާނެތާއޭ. އެއެއް ނުދެއްކިގެން ތިޔައުޅެނީ އޭގެ ބޮޑުކަމުންހޭ؟
އެޑިޔުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު
އެކަމަނާގެ ވާހަކައަކީ ދެ ދަންފަޅިއަށް ހަދަނިކޮށް ސުކޫލު ޖާގައިގެ މައްސަލަ ހައްލުވާނެޔޯލައެވެ. (ބޮޑުބޭބެ: ބަލަ ކަބުލޯއޭ، މިހާރު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްލީހޭ؟ އެއްދަންފަޅީގެ ސިޔާސަތު އަރަބިއްޔާއާ ޖެހުމުން އޮޔާލީތާއޭ) އަދި ކުދިން މަދު ކުލާސްތައް އެއްކޮށްލާނީ ޔޯލައެވެ. (ބޮޑުބޭބެ: އާއެކޭ، ކިތަންމެ ކުދިން މަދުވިޔަސް މަޖީދިއްޔާ އަމީނިއްޔާގެ ކުލާސްތައް އެއްކޮށްލާކަށް ނުރުހެވޭނެއޭ. ނަމަވެސް، އަރަބިއްޔާގެ ހުރިހާ ކުލާސްތަކެއް އެއްކޮށްލައިގެން ހޯލެއްގައި އެދުރު ގެއެއް ގޮތަށްވެސް ހިންގޭނެތާއޭ.)
ބޮޑުބޭބެގެ ނަސޭހަތް
ކުދިންނޭވޭ. ރައީސް ނަޝީދަކީ ގޮތް ދޫނުކުރާ ސޮރެކޭ. އެސޮރު ޖެހޭނީ ގަދަ ކަމުން މައިތިރިކުރަ ހަރޭ. އެސޮރު މައިތިރި ކުރަން ހަދާނެ ގޮތަކީ މިކަމުގައި އެމްޑީޕީގެ ގޮފިތަކުގެ އެއްބާރުލުން ހޯދާށޭ. މިގައުމުން އަރަބި އިސްލާމީ ތައުލީމުގެ ނޫރު ފޮހެލުމަކީ ހަމަގައިމު ދީނާ ކުޅުމޭ. އެކަމެއް ކުރަން އެއުޅެނީ މާތްވި އިސްލާމުދީނަށް ނަފުރަތު ކުރާ ބަޔަކުކަން އެންމެން ދަނެތޭ. މިއީ ދީނީ ގުޅުމެއްވާ ކަމެކޭ ނޫނޭ ބުނަނީ އެވެރިންގެ އުކުޅެކޭ. އެއީ ހީލަތްތެރި ރޭވުމެކޭ. އެ ނަޝީދުކިޔާ ސޮރުނޫންހޭ ރޭޑިޔޯގައި އިދެ ބުނީ މާތްﷲ ބާއްވާލެއްވި ޝަރީއަށް އަމަލު ކުރުމަކީ ތިމަން ރުހޭ ކަމެއްނޫނޭ. ބަޔަކު މީހުންގެ އިންސާނީ ހައްގު ގެއްލިދަނީއޭ. މިއީ އެފަދަ އަނެއް ވާހަކަކަން ދަންނާށޭ. އެސޮރު އެއޮތީ ހައްދުވެސް ޖަހަންޖެހިފައޭ. އަދި ބުނަންހޭ. އެސަރަގޭ ހަމަ ހިލާ މާލޭ ސިޓީ ކައުންސިލް މައްޗަން ގޮޅި ދެކުނު ދާއިރާގެ ގޮޑިއަށް ހޮވިޔަ ނުދޭން އެއްމެން މަސައްކަތްކުރަހަށޭ. އެއީ ބޮޑު ބަލާވާތްތެރިކަމެކޭ. ތާކު ހުރި ބޮޑުވެގެންވާ ޖާހިލެކޭ. ތިމާގެ އަމިއްލަ ދަރިން ތަރުބިއްޔަތު ކުރަންނޭގޭ ޖާހިލަކު ހޮވަނިކޮށް މުޅި މާލޭ ހަލާކު ކޮށްފާނެތޭ. ޝިޕާ ކަބުލޮއަކީވެސް އެއްވެސް އުރައްޕެއް ހުރި މީހަކު ނޫންކަމާ ދޮގު ހަދާ މީހެއްކަން މިއޮތީ އެގިފަތާއޭ. އެކަބުލޮ މަޖިލީހުން ރުހުން ދިޔަ ނުދިނުމަށް މަސައްކަތް ކުރަހަށޭ. ރައްޔިތުމީހާގެ އަޑު އަހަން ބޭނުން ނުވާ ބަޔަކަށް ރައްޔިތުމީހާގެ ލާރިދީ ވަޒީރުކަމުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބާހޭ؟
0 comments: on "ރައީސް ނަޝީދު އަރަބިއްޔާއަށް ކެހިދޭން ހިފާފައި"
Post a Comment