Live Traffic

Sep 5, 2012

ކޯނީ ރިޕޯޓުން އެމްޑީޕީ އިބްރަތް ލިބިގަންނަންޖެހޭ

ކޯނީގެ ރިޕޯޓު ބުނާ ގޮތުން ކުރީގެ ރައީސް ނަޝީދުވަނީ ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވައި އެމްޑީޕީ މެމްބަރުންނަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް އޮޅުވާލައްވާފައެވެ. ބަޑިޔޭ، މަޖްބޫރޭ، މަރާލަން އުޅުނީޔޭ ކިޔައިގެން ތިމާއަށް އެޅުނު ޅައެއްޗަކުން ސަލާމަތްވާން ލައްކަ މަސައްކަތްކުރެއްވިއެވެ. މިއަދު އެވަނީ ބުޅާ ގޯނިން ދޫވެ، ބޭޒާރުވެފައެވެ. ނަޝީދުގެ އަބުރެކޭ އެއްވަރަށް ޕާޓީގެ އަބުރުވެސް ބޭރު ދުނިޔޭގައި ގެއްލިފައެވެ. ކުރިން ނަޝީދު ބޭނުންހައި ގޮތެއް ހަދަން ޕާޓީގެ އިސްސަފުގައި ތިބި މީހުން ދޫކޮށްލައިގެން ތިބީމައެވެ.

އެންމެ ފުރަތަމަވެސް މިފަދަ ތަހުގީގެއް ކުރަން އުޅެން ފެށުމުން ނަޝީދު ދެކޮޅު ހެދި ސަބަބު މިއަދު މިއޮތީ ފެންނާށެވެ. ވެރިކަން ދޫކޮށްލާފައި ނުކުމެ ހަދަން ފެށީ ދޮގެވެ. އެދޮގު ފޫބައްދަން މަތިމައްޗަށް ދޮގެވެ. ދެން ފެށީ އަވަސް އިންތިހާބެއްގެ ގޮވެލި ފައްޗެކެވެ. އެބުނާ ބަގާވާތް ތަހުގީގުކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމަށް އަޑުއުފުލައެއް ނަހަދައެވެ. އެކި ގޮތްގޮތުން އެކަމަށް ހުރަސް އެޅިވެސް މެއެވެ. މިސާލަކަށް މިފަދަ ހުކުމަތެއް ބެލުން އެންމެ އައުލާކަން ބޮޑީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީކަމަށްވިޔަސް އޭނާގެ އައުވާނުން ފޮނުވައިގެން އެކަން ހުއްޓުވިއެވެ.

އެތުހުމަތުތައް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް ހެދުމަށް އެއްބާރުލުން ދިނުމަށް ޑރ ވަހީދު އެމްޑީޕީއާއި ނަޝީދުގެ ކިބައިން އެދުމުން ފުރަގަސް ދިނީއެވެ. ކޮމިޝަނުގައި ބައިތިއްބާނެ ބަޔަކު ދެފަރާތުން މަޝްވަރާކޮށް އެއްބަސްވުމަށް ދައުވަތުދިނުމުން އަޅައެއް ނުލިއެވެ. އޭގެ ބަދަލުގައި މަގުމައްޗަށް މީހުން ނެރެގެން އަވަސް އިންތިހާބަކަށް ގޮވާލުން ނޫން ކަމެއް ނުކުރެތެވެ. އެންމެ ފަހުން ކޮމިޝަނަށް އެއްބާރުދޭން އެއްބަސްވީ ކޮމަންވެލްތުން މީހަކު އައިސް އެއްބަސްވުމެއް ހަދައި، ސޮއިކޮށް، އެމީހުން ބާރުއެޅުމުންނެވެ.

ޑިމޮކުރަޓިކް ޕާޓީތަކުގައި މިފަދަ ތުހުމަތުތައް ބަލާއުޅެއެވެ. މީހަކު ބުނާހާ އެއްޗަކަށް ބަރޯސާއެއް ނުކުރާނެއެވެ. އަދި ތުހުމަތު ބަލައެއްވެސް ނުގަންނާނެއެވެ. ޕާޓީއިން ގޮތެއް ކަނޑައަޅާނީ ތުހުމަތު ކުރާ ފަރާތާ ގުޅުމެއް ނެތް މިނިވަން ބަޔަކު ލައިގެން ކޮމެޓީއެއް ހަދައި އެކަން ދިރާސާ ކުރުމަށް ފަހުގައެވެ. ނަމަވެސް، އެމްޑީޕީއިން މިއަދު ފެނުނީ އެމަންޒަރުތޯއެވެ. ޕާޓީގެ ފަރާތުން އެމައްސަލަ ތަހުގީގުކުރަން އިނީ ނަޝީދުގެ ކެބިނެޓް ސެކެރެޓަރީއާއި އެންމެ ގާތް މާރިޔާ ދީދީއެވެ. އެ ތަހުގީގަށް ވީގޮތެއް އަދިވެސް ނޭގެއެވެ. ޕާޓީގައި އެތެރޭގެ ޑިމޮކުރަސީ މިއަދު ނެތޭ ބުނަން ޖެހެނީ މިހެން ވެގެންނެވެ.

ކޯނީގެ ރިޕޯޓާ ގުޅިގެން ޕާޓީގެ އަގު ބޭރު ދުނިޔޭގައި ގެއްލިއްޖެއެވެ. ނަޝީދަކީ ކަނޑައެޅިގެން ދޮގުހަދާ ލީޑަރެއްގެ ލަގަބު ލިބިއްޖެއެވެ. މިއަދު ބޭރު ޑިޕުލޮމެޓުން ކައިރީގައި ނަޝީދުގެ ބަގާވާތުގެ ވާހަކަ އަހާލުމުން ޖަހާލަނީ ހިނިގަނޑެވެ. ޕާޓީގެ ފަރާތުން ނެރޭ ނޫސްބަޔާންތަކާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. "ދަ ބޯއީ ހޫ ކްރައިޑް ދަ ވުލްފް" ގެ ދަރަޖައަށް ވެއްޓިފައެވެ. ދޮގުހަދާހަދާ މިހާރު ތެދެއް ހެދިޔަސް މީހަކު ގަބޫލު ނުކުރާނެވަރު ވެފައެވެ. މިކަމުގެ ޒިންމާ ނަޝީދު އުފުލަން ޖެހޭނެ ކަމަށް ގަބޫލުކުރާ މެމްބަރުން އެބަތިއްބެއެވެ. ވޯޓު ފޮށިން އެކަން ފެންނާނެއެވެ.

ސަރުކާރުގައި އެމްޑީޕީއިން ބައިވެރިވުމުގެ ބޭނުމަކީ ޕާޓީ މެމްބަރުންގެ ގެއްލިފައިވާ ވަޒީފާތައް ހޯދުމެވެ. މިއަދު ސަރުކާރުގައި ބައިވެރިވާން އެދޭ ވާހަކަ ގޮވުމުގެ ބޭނުމެއް ނެތެވެ. އެފުރުސަތު ކުރިން ލިބުނެވެ. 4 ވަޒީރުން އައްޔަން ކުރަން ފުރުސަތު ދިނެވެ. ޕާޓީގެ މެމްބަރުންގެ ވަޒީފާތައް ހިމާޔަތްކުރެވެން އޮތެވެ. ނަމަވެސް، ނަޝީދުވަނީ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ ޕާޓީއެކަމުން މަހުރޫމުކޮށްފައެވެ. އަދި އަވަސް އިންތިހާބެއްގެ ދަޅަދައްކައި މެމްބަރުންނަށް އޮޅުވާލައިފައެވެ. ދެންމެ ދެންމެ ސަރުކާރު ބަދަލުކޮށް ތިމަންނަ ވެރިކަމަށް އައިސް އެމީހުންގެ ވަޒީފާތައް އަބުރައި ހޯދައިދޭނެކަމަށް ވިސްނައިދޭން އުޅެފައެވެ. ހެއްލުމަކީ ގެއްލުމެއް ކަން މިއަދު ކޮންމެ މެމްބަރަކަށް ވިސްނޭނެއެވެ.

ގާނޫނީ ސަރުކާރަކަށް ވީކީ މިއަދަކު ނޫނެވެ. ކޯނީ ރިޕޯޓު ނެރުމަކުން ނޫނެވެ. މިއަދު އެކަން ގަބޫލުކުރާނަމަ އިއްޔެވެސް އޮތީ ހަމަ އެސަރުކާރެވެ. ނަމަވެސް، ނަޝީދު މެމްބަރުންނަށް އޮޅުވާލީއެވެ. ކެއްސެއް ދިނީއެވެ. ހަމަ އަމިއްލަ އެދުން ބޮޑީއެވެ. ރައްޔިތުންގެ ހައްގޭ ޕާޓީ ހައްގޭ ބުންޏަށް އޮތީ އަމިއްލަ އެދުމެވެ. ވެރިކަމުގެ ދަހިވެތިކަމެވެ. އެހެން ނޫންނަމަ، އެމްޑީޕީއަށް ސަރުކާރާ ބައިވެރިވެގެން މެމްބަރުންގެ ވަޒީފާތައް ހިމާޔާތްކުރަން ލިބުނު ފުރުސަތު ނަގައެއް ނުލާނެއެވެ. ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު ފުރުސަތު ބޭކާރުކޮށެއް ނުލާނެއެވެ. ތިމާއަށް ބޮޑު ގޮނޑި ނުލިބޭނެތީވެއެވެ.

މިހާރު ބޯމަތިވަމުން މިއަންނަނީ 2013 ގެ އިންތިހާބެވެ. ގޮނޑި ކާމިޔާބު ކުރެވޭނީ ޕާޓީގެ ތާއީދަށް ވުރެ މުޅި ރައްޔިތުންގެ ތާއީދު އޮތް ފަރާތަކަށް ކަން އެނގެއެވެ. ކޯނީގެ ރިޕޯޓާ ގުޅިގެން ތިމާ މީހާ ބޭޒާރުވެ، އަގު ވެއްޓި، ދޮގުވެރިއެއްގެ ލޭބަލްޖެހުނެއް ކަމަކުވެސް، އެހުރީ ވެރިކަމުގެ ދަހިވެތިކަމުގައި ޕާޓީގެ ޓިކެޓު ދޫކޮށްލާގޮތަކަށް ނޫނެވެ. އަންނިގެ ލީޑަޝިޕުގައި ޕާޓީއަށް ކުރިމަތިވެފައިވާ ނާކާމިޔާބީތަކާއި ބޭޒާރުވުމާއި ލިބުނު ލަދުގެ ޒިންމާ ނަގާގޮތަކަށް ނޫނެވެ. މިއަށް އަމިއްލަ އެދުން ނޫން ކިޔާނެ އެހެން ނަމެއް ނެތެވެ. ޕާޓީގައި ގާބިލު މީހުން ހުސްވީކީ ނޫނެވެ. ނަމަވެސް، އެހެން މީހަކަށް ފުރުސަތުދޭން ބޭނުން ނުވަނީ ވެރިކަމުގެ ދަތިވެތިކަން ބޮޑުކަމުންނެވެ.

ޕާޓީގައި އެންމެ މަގުބޫލު މީހަކީ އަންނިކަމަށް ވެދާނެއެވެ. ނަމަވެސް، ގައިމުވެސް ޕާޓީއިން ބޭރުގައި އެއަށް ވުރެ މީހުން ނަފްރަތުކުރާ މީހަކު ނުވެއެވެ. އަބުރު ގެއްލި ބޭޒާރުވެފައިވާ މީހަކު ނުވެއެވެ. އެހެން ކަމުން، ޕާޓީ އެންމެން ވޯޓުލިޔަސް އަދި އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ އަންނީގެ މިބޮޑު ބޭޒާރަށް ފަހު ޕާޓީގެ މެމްބަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވެފައެވެ. އެހެންކަމުން ބެލެވެނީ ޕާޓީގެ ގިނަ ބަޔަކު ވޯޓުފޮށި ދޮށަށް ނުދާނެކަމަށެވެ. މިއަށް ވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ ޕާޓީގެ ތެރެއިން އަބުރު ގެއްލިފައި ނުވާ އެހެން މީހަކު ކުރިމަތިކޮށް މަސައްކަތްކުރުން ކަމާމެދު ޝައްކެއް ނެތެވެ.

ނަމަވެސް، އެފުރުސަތު އެހެން މީހަކަށް އަންނި ދޭން ބޭނުން ނުވަނީ ވެރިކަމާހެދި ބޫތުކައިފާ ހުރީމައެވެ. ތިމާ ނޫން މީހަކު ގެންނަން ބޭނުން ނުވާތީވެއެވެ. އެއީ މައުމޫނާ ވާދަކޮށް ބަލިވިޔަސް ހެވެ. ޕާޓީގެ މެމްބަރުންގެ މަސްލަހަތަށްވުރެ ތިމާގެ މަސްލަހަތު މާބޮޑެވެ. މިއަދު އަންނި ގޮވައިގެން ނުކުތުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މައުމޫނަށް ކާމިޔާބު ހޯދައިދިނުމެވެ. އެއީ ޕާޓީ ގިނަ ބަޔަކާއި ޕާޓީއިން ބޭރު ހުރިހާ މީހުންހެން އަންނި އަށް ވޯޓު ނުލާނެތީވެއެވެ. މިއީ އިތުރަށް ބަހުސްކުރަން ޖެހޭ މައްސަލައެއް ނޫނެވެ. ރާއްޖޭގައި ވެރިއަކު ބޭޒާރު ނުވާވަރަށް މިވަނީ ބޭޒާރުވެފައެވެ. އަންނިއާ ދެކޮޅަށް ބޭނުންކުރާނެ ސާމާނާއި ހުއްޖަތް މާގިނައެވެ.

އަނެއްކާ ރިޔާސީ ކެޑިޑޭޓެއްގެ ޝަރުތު އަންނި ކިބާގައި ފުރިހަމަވާނެކަމާމެދުވެސް މިއަދު ސުވާލު އެބަކުރެވެއެވެ. ރޯމާ ދުވާލު ގާނޫނު އަސާސީއާ ހިލާފުވެއްޖެއެވެ. ގާނޫނުތައް މުގުރާލައިފިއެވެ. މިވަރުންވެސް، ޕާޓީގެ އެހެން މީހަކަށް ފުރުސަތު ދޭން ބޭނުން ހަމަ ނުވަނީ ވެރިކަމުގެ ދަތިވެތިކަމުގައި ނޫނީ ކޮން ކަމަކު ހެއްޔެވެ؟ ހަކުޅިއޭ ކިޔަމުން ދަނިކޮށް މަތިމައްޗަށް ގޯސް ހެދި، ކަރުތާނެރަށް އެރެވުނު އިރުވެސް ނޭގުނެވެ. ސިޔާސަތުތައް ފޭލިވާނީ މިވަރަށެވެ. ނަމަވެސް، އެހެން މީހަކަށް ފުރުސަތު ދޭން ބޭނުން ނުވަނީ ހަމަ ރައްޔިތުން ދެކެލޯބިވާތީ ދޮތެވެ؟





Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "ކޯނީ ރިޕޯޓުން އެމްޑީޕީ އިބްރަތް ލިބިގަންނަންޖެހޭ"