Live Traffic

Aug 18, 2012

އީދުގެ އުފަލުގައި، ދެބަސްވުމާއި އަރާރުންވުން ދޫކޮށްލަމާ!

ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު "ތަނާޒުޢު" (ދެބަސްވެ އަރާރުންވުން) މިލަފުޒު ހަތް ތަނެއްގައި ވާރިދުވެފައިވެ އެވެ. އަދި "ފަޝަލް" (ފިނޑިވެ ބާރުނެތިދިއުން) ހަތަރު ތަނެއްގައި ވާރިދުވެފައިވެ އެވެ. މީގެ ތެރެއިން މި ދެ ލަފުޒު އެކީ ގުޅުވައިގެން ތިން ތަނެއްގައި ވާރިދުވެފައިވެ އެވެ. މިއިން ދޭހަވާ އެންމެ މުހިންމު ކަމަކީ ދެބަސްވެ އަރާރުންވުމަކީ ފިނޑިވެ ބާރުނެތިދާނެ ކަމެއް ކަމެވެ. އެހެންކަމުން މި އާޔަތްތަކާ މެދު ފުންކޮށް ވިސްނާލުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން ފެނިގެންދާން ޖެހޭ މުހިންމު މުނާސަބަތެއް ކަމުގައިވާ މި އީދުގައި މިކަމަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑެވެ.

ތަނާޒުޢާއި ފަޝަލް ގުޅުވައިގެން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެއް ތަނަކީ އާލްޢިމްރާން ސޫރަތުގެ 152 ވަނަ އާޔަތެވެ. އެ އާޔަތުގައި ބަޔާންކުރަނީ އުޙުދު ހަނގުރާމައި މުސްލިމުންނަށް ﷲގެ އިޒުނަފުޅާ އެކު ކާމިޔާބު ލިބެމުން ދަނިކޮށް ވެސް މުސްލިމުންކުރެ ބަޔަކު އުރެދި، ކީރިތި ރަސޫލާ އެންގެވި ކަންތަކުގައި ދެބަސްވުމުން ފިނޑިވާން ޖެހުނު ހިސާބަށް ދިއުމުން ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ވާހަކަ އެވެ.

ދެ ވަނަ ތަނަކީ އަލްއަންފާލު ސޫރަތުގެ 43 ވަނަ އާޔަތެވެ. އެއާޔަތުގައި ބަޔާންކުރަނީ ބަދުރު ހަނގުރާމަ އަށް ނުކުތް އަދުއްވުންގެ ލަޝްކަރު ގިނަ ބައެއްގެ ގޮތުގައި މާތްﷲ ދެއްކެވި ނަމަ މުސްލިމުން ފިނޑިވެގެންދާނެ ކަމާއި ހަނގުރާމަކުރުމާ މެދު ދެބަސްވެގަންނާނެ ކަމުގެ ވާހަކަ އެވެ.

ތިން ވަނަ ތަނަކީ އަލްއަންފާލު ސޫރަތުގެ 46 ވަނަ އާޔަތެވެ. މި އާޔަތަކީ އޭގެ ކުރިން ހަނގުރާމައާ ގުޅުންހުރި ކަންތައްތަކެއްގެ ވާހަކަ (އޭގެ ތެރޭގައި 43 ވަނަ އާޔަތުގައިވާ ދެބަސްވުމާއި ފިނޑިވުމުގެ ވާހަކަވެސް) ބަޔާންކުރުމަށް ފަހު ދެބަސްވެ އަރާރުންނުވާން މާތްﷲ އަމުރު ކުރައްވާފައިވާ އަދި ދެބަސްވެ އަރާރުންވުމުގެ ނަތީޖާއަކީ ފިނޑިވެ ބާރުނެތިދިއުންކަން ބަޔާންކުރާ އާޔަތެކެވެ.

މި އާޔަތާ މެދު ފުންކޮށް ވިސްނާލުމުން ފާހަގަވާ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ދެބަސްވެ އަރާރުންވުމާއި ފިނޑިވެ ބާރުނެތިދިއުމާ ދެމެދު ހުރި ގުޅުމެވެ. އިލާހީ ގާނޫނު ނިޔާކުރާ ގޮތަކީ ދެބަސްވެ އަރާރުންވާނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ފިނޑިވެ ނިކަމެތިވެ ބާރުނެތި ދިއުމެވެ.

އެހެންކަމުން ކައުނުގައިވާ މި އިލާހީ ގާނޫނަށް ބަދަލު ނާންނަހާ ހިނދަކު އަބަދުވެސް ދެބަސްވެ އަރާރުންވުމުގެ ނަތީޖާއެއްގެ ގޮތުން ފިނޑިވުމާއި ނިކަމެތިވުމާ ކުރިމަތިލާން ޖެހޭނެ އެވެ. މިކަމުން ސަލާމަތްވެވޭނީ އެންމެ ފުރަތަމަ މިކަމަށް މަގު ފަހިކުރާ ކަންކަމުން ދުރުހެލިވެގެންނެވެ. މިގޮތުން ޚިޔާލާއި ފިކުރަކީ ތަފާތުވާނެ އެއްޗެއް ކަމަށް ނުދެކުމާއި، ތިމާގެ އަމިއްލަ ފިކުރު ފިޔަވައި އެހެން ފިކުރެއް ސައްހަނުވާނެ ކަމަށް ދެކުމާއި، ތިމާގެ ފިކުރަށް ތައައްސުބުވުމާއި، ގޮތް ދޫނުކުރުން ފަދަ ކަންކަމުން ދުރުހެލިވާންޖެހެ އެވެ.

ދެ ވަނަ ކަމަކީ ދެބަސްވެ އަރާރުންވުން ހުއްޓުވަން މެދުވެރިވާ ކަންކަން ކުރުމެވެ. މި ގޮތުން މަޝްވަރާކުރުމާއި އަނެކުންގެ ވާހަކަ އަޑުއެހުމާއި ރިވެތި ގޮތުގައި ޖަދަލުކުރުމާއި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި ވާގިވެރިވުން ފަދަ ކަންކަން ކުރަންޖެހެ އެވެ.

އާޔަތުން ދޭހަވާ ދެ ވަނަ ކަމަކީ ދެބަސްވެ އަރާރުންވުމުގެ ނުބައި ނަތީޖާ އެ ގޮތަށް ނުކުންނަން ޖެހެނީ ދެބަސްވެ އަރާރުންވުމުގައި ހުންނަ އުނި ސިފަތަކެއްގެ ސަބަބުން ކަމެވެ. މިގޮތުން ދެބަސްވެ އަރާރުންވާ ނަމަ އެކަކު އަނެކަކާ މެދު ރުޅިވެރިކަން އުފެދެ އެވެ.

އެކަކު އަނެކަކަށް އަދާވާތްތެރިވެ އެވެ. އެކަކު އަނެކަކަށް ވާގިވެރިވުމުގެ ރޫހު ގެއްލެ އެވެ. އުހުއްވަތްތެރިކަމާއި އެއްބައިވަންތަކަން ނެތިދެ އެވެ. އެކަކު އަނެކަކަށް މަކަރު ހެދުމާއި ގެއްލުން ދިނުމުގެ ނުބައި ރޭވުންތައް ރާވައި އެފަދަ ކަންކަން ކުރެ އެވެ. މި ހުރިހާ ކަމަކީ ވެސް އަދުއްވުންގެ ކުޅު ދިޔާކުރުވާނެ ކަންކަމެވެ.

ނަތީޖާއެއްގެ ގޮތުން އެމީހުންގެ މަގުސަދުތައް ކާމިޔާބުކުރަން ކުރެވެން ހުރި ހުރިހައި ކަމެއްކުރަން ހިތްވަރު ލިބޭނެ އެވެ. އިސްލާމީ އުންމަތުގެ ތާރީހުގައި މީގެ އެތައް މިސާލުތަކެއް ވަނީ ފެނިފަ އެވެ. އުޙުދުގެ ހާދިސާ މިއީ މީގެ އެއް މިސާލެވެ. މުސްލިމުން ދެބަސްވެ އަރާރުންވެ ﷲއާ ރަސޫލާގެ އަމުރު ދޫކޮށްލި ހިސާބުން ފިނޑިވީ އެވެ. އެހައިރުން އަދުއްވުން މަކަރުވެރި ރޭވުންތައް ރާވައި ދަނޑިވަޅު ބަލާފައި މުސްލިމުންނަށް ހަމަލަ ދިނީ އެވެ. ނަތީޖާއަކީ ނިކަމެތިވެ ބާރުނެތިދިއުމެވެ.

އާޔަތުން ދޭހަވާ ތިން ވަނަ ކަމަކީ އަދި އެންމެ މުހިންމު ކަމަކީ ދެބަސްވެ އަރާރުންވުމާއި އޭގެ ނުބައި ނަތީޖާ އިން ސަލާމަތްވާން އޮތް އެންމެ ހިކުމަތްތެރި އަދި އެންމެ ރައްކާތެރި މަގަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އަށް ކިޔަމަންވުން ކަމެވެ. އެހެންވެ ދެބަސްވެ އަރާރުންނުވާން އަމުރު އައުމުގެ ކުރިން އާޔަތުގައި މިކަމަށް އަމުރުކުރައްވާފައިވެ އެވެ.

ﷲ އާއި ރަސޫލާ އަށް ކިޔަމަންވުމަކީ ދެބަސްވެ އަރާރުންވުމުގެ އެންމެހާ ސަބަބުތައް ނައްތާލާނެ ކަމެކެވެ. އަދި މާއްދީ ގޮތުންނާއި މައުނަވީ ގޮތުންވެސް ނަސްރާއި ކާމިޔާބު ލިބުމުގެ އެންމެހާ ސަބަބުތައް މެދުވެރިވާނެ ކަމެކެވެ. އެހެނީ ދެބަސްވެ އަރާރުން އުފެދެނީ މަގުދައްކާ ފަރާތްތައް ތަފާތުވީމަ އެވެ. ފިކުރުތަކާއި ރައުޔުތަކުގެ މަސްދަރަކީ ހަވާނަފްސު ކަމަށް ހެދީމަ އެވެ.

ތިމާގެ އަމިއްލަ ނުވަތަ ގާތްތިމާގެ ނުވަތަ ަރައްޓެހިންގެ ނުވަތަ ނިސްބަތްވާ ޕާޓީގެ މަސްލަހަތަށް އެކަނި ވިސްނީމަ އެވެ. މިހުރިހާ ކަމެއް ދޫކޮށް އެންމެން ﷲއާއި ރަސޫލާގެ އަމުރަށް ބޯލަނބައި ކިޔަމަންވެ އެ ދެފަރާތުގެ ރުހުމާ އެއްގޮތަށް ތިމާގެ ނަފްސުގެ އެދުންތައް ބައްޓަންކޮށްފި ނަމަ ދެބަސްވެ އަރާރުންވާން އޮންނަ ޖާގަތައް ގެއްލޭނެ އެވެ. އަދި އިސްލާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ހިނގަން ފަށާނެ އެވެ.
ހަތަރު ވަނަ ކަމަކީ ފިނޑިވުމާއި ނިކަމެތިވެ ބާރުނެތިދިއުން އެއީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވެސް ޝާމިލުވާނެ ކަމެއްކަން ދެނެގަތުމެވެ. އެހެނީ، އާޔަތް ބާވާލެއްވިފައި ވަނީ ހަނގުރާމަޔާ ގުޅުން ހުރި ކަންކަމަށް ނިސްބަތްކުރެވިގެން ކަމަށް ވިއަސް އާޔަތުގައިވާ ތަނާޒުޢާއި ފަޝަލް މިދެ ލަފުޒުވެސް ބަޔާން ކުރެވިފައިވަނީ އާންމުކޮށް ކަމަށްވުމެވެ. ހަނގުރާމަ އަށް ޚާއްޞަ ކޮށްފައެއް ނޫނެވެ.

ސަބަބުގެ ހާއްސަކަމަށް ވުރެ ބޮޑަށް ބަލަން ޖެހޭނީ ލަފުޒުގެ އާންމުކަމަށް ކަމަށް އުސޫލު ފިގުހުގެ އިލްމުވެރިން ވިދާޅުވެ އެވެ. ވީމާ މި އާޔަތުގައި ވެސް ދެބަސްވެ އަރާރުންވުން އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދެބަސްވެ އަރާރުންވުމެވެ. ސިޔާސީ ކަންކަމާއި އިގުތިސާދީ ކަންކަމާއި އިޖުތިމާއީ ކަންކަމާއި އެ ނޫން ވެސް ހުރިހާ ކަމެއްގަ އެވެ.

ހަމަ އެފަދައިން އޭގެ ނަތީޖާ ކަމުގައިވާ ފިނޑިވުމާއި ބާރުނެތިދިއުން ވެސް އެއީ ހަނގުރާމައިގައި އެކަނި ފިނޑިވެ ބާރުނެތިދިއުމެއް ނޫނެވެ. އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ހަމަ ފިނޑިވެ ނިކަމެތިވެ ބާރުނެތިދިއުމުގެ ވާހަކަ އެވެ.

ވީމާ މިނުބައި ނަތީޖާ އިން ސަލާމަތްވުމަށްޓަކައި ދެބަސްވުމާއި އަރާރުންވުމުގެ ބަދަލުގައި އެއްބައިވަންތަވުމާއި އެކުވެރިވުން އެއީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ކާމިޔާބުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ގަބޫލުކޮށް އެކަމަށް މަސައްކަތް ކުރަންޖެހެ އެވެ. މާތްﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ވާފަށުގައި (އެބަހީ އެކަލާނގެ ދީނުގައި) އެންމެން އެކަތިގަނޑަކަށް ވެގެން ހިފަހައްޓައި ވަކިވަކިވެ ނުގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ. (އާލްޢިމްރާން 103). މިފަދަ ކަމަކަށް އިސްނަގަން އީދުގެ މިމުނާސަބަތުގެ ބޭނުން ހިފުން ކީއްތޯ އެވެ؟ މިއަދު މިކުރާ އީދު ސަލާމަކީ އޭގެ ފެށުން ކަމުގައި ހެދުން ކީއްތޯ އެވެ؟

ނޯޓު: މަތީގައިވާ ލިޔުމަކީ ސައުދުއްﷲ އަލީ ހަވީރު ނޫހުގައި 19 އޮގަސްޓުގައި ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "އީދުގެ އުފަލުގައި، ދެބަސްވުމާއި އަރާރުންވުން ދޫކޮށްލަމާ!"