Live Traffic

Jul 23, 2012

މަރުގެ އަދަބު ދިނުމާ އެމްޑީޕީއިން ދެކޮޅު ހަދައިފި

މިއަދު ރާއްޖޭގައި މީހުން މެރުމަކީ އެއްވެސް ކަމެއް ނޫނެވެ. މެއްސެއް މަރާލުން ފަދަ ކަމަކަށް ވެއްޖެއެވެ. ނަމަވެސް، އިންސާނީ ހައްގުގެ ނަމުގައި އެމްޑީޕީއިން މަރުގެ އަދަބު ދިނުމާ ދެކޮޅު ހަދައިފިއެވެ. މަރުގެ އަދަބު ދިނުމާ ދެކޮޅު ހަދައި އަދި އެކަން ބޭރުގެ ސަމާލުކަމަށް ގެނައުމަށް މިހާތަނަށް ވަނީ ދެ ނޫސް ބަޔާނެއްވެސް އިގިރޭސި ބަހުން ނެރިފައެވެ. މިބަޔާންތައް ލިޔެފައިވަނީ އަންނިގެ އިރުޝާދުގެ ދަށުން ހާމިދް އަބްދުލްގަފޫރެވެ.

އެތަނުން އެއް ނޫސްބަޔާނުގައި ލިޔެފައި އޮތެވެ. "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަން ކަމާއި، މުޒާހަރާތައް ރޫޅާލުމާއި، އިސްލާމީ ޝަރީއާ ގާއިމު ކުރުމާއި، މަރުގެ އަދަބު ދިނުމާއި، ހައްދުތައް ގާއިމުކުރުމާއި، ދީނާއި ދައުލަތާއި އަދި މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމާމެދު ވަނީ ސުވާލުކުރެވިފައެވެ."

އަދިވެސް އެހެން ނޫސް ބަޔާނެއްގައި ލިޔެފައި ވެއެވެ. "އޭނާގެ (އެބަހީ ޑރ ވަހީދުގެ) ސަރުކާރުން ގެންދަނީ ދިރިހުރުމުގެ ހައްގު ނިގުޅައި ގަތުމަށް މަސައްކަތްކުރަމުންނެވެ. މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރާގޮތަށް އޮންނަ ގޮތުން ނައްތާލައި، މަރުގެ އަދަބު ދިނުމަށް ވަރުގަދައަށް ވަކާލާތުކުރަމުންނެވެ."

މިހާމިދުވަނީ މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސެއްގައިވެސް މަރުގެ އަދަބު ދިނުމަކީ އެމްޑީޕީއިން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ޕާޓީގެ ނަމުގެ ކުރިއަށް ޑިމޮކުރަސީ ކިޔިއަސް މިފަދަ މުހިއްމު ސިޔާސަތުގެ މިވަނީ މެމްބަރުންގެ އެއްވެސް ހިޔާލެއް ނެތި ދެތިން މީހަކު ބޭނުންވާގޮތަށް ނިންމައި، ޕާޓީގައި ތިބި 40،000 މީހުންގެ ވިސްނުމަކީ އެއީ ކަމަށް ބުނެފައެވެ. އެހެން މިބުނަން ޖެހުނީ މިފަދަ މުހިއްމު މައްސަލައެއްގައި ޕާޓީގެ ގައުމީ މަޖިލީހުންވެސް ގޮތެއް އަދި އަދަށްވެސް ކަނޑައަޅާފައި ނުވާތީވެ އާއި ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއާއި މިފަދަ ނިންމުންތައް ހިލާފުވާތީވެއެވެ.

މިހާރު އެމްޑީޕީއާ މެދު ތުހުމަތު ކުރެވެމުންދާ ގޮތަށް ޑިމޮކުރަސީގެ ނުވަތަ ރައްޔިތުންގެ ވިސްނުން އެއް ފަރާތްކުރެވި ޕާޓީ މިހާރު ހިންގަމުން އެގެންދަނީ ދެތިން މީހެއްގެ ވިސްނުމަށެވެ. އަދި ތިމާމެންނަކީ އިސްލާމުންނޭ ބުނާ ބަޔެއްގެ ފަރާތުން ބާއްވާލެއްވި ހުކުމްތަކާ ދެކޮޅު ހަދާތަން ފެނުމުން ލާދީނީ ބަޔަކު ޕާޓީގައި ނަގާ ކިޔާކަން އެގިގެން ދެއެވެ. ދުނިޔޭގައި އިސްލާމު ނަންނަމުން ކިޔާ ދީނުގެ ހަތުރުންވެސް އުޅޭ ނޫންހެއްޔެވެ؟ މިފަދަ މީހުންނޭ މިއަދު އެމްޑީޕީގެ ލީޑަޝިޕެކޭ ތަފާތެއް ނެތެވެ.

ހާމިދު ބުނާގޮތުންނަމަ މަރުގެ އަދަބު ދީގެން މީހުން މެރުން މަދުވެފައެއް ނުވެއެވެ. ހާމިދަށް ހީވާގޮތުން ކައުނު ހެއްދެވި އިލާހަށްވުރެންވެސް އޭނާއަށް މާގިނަ ކަންތައްތައް އެނގެއެވެ. އަދި އިންސާނުން ހެއްދެވި ފަރާތަށް ވުރެންވެސް ރަނގަޅަށް އެއިންސާނުންގެ ހައްގުތައް ރައްކާތެރިކުރާނެ ގޮތް އެނގެއެވެ. މަޖިލީހުގައި ގޮނޑިމަތީގައި ލަދުހަޔާތްކުޑަކޮށް ނަށާ ކަލޭގެޔާއެވެ. މަރަށް މަރު ނުހިފާނަމަ، މަރާ ލެވޭ މީހާގެ ހައްގު ކޮބާ ހެއްޔެވެ؟ އެހެން މީހުން މަރާފައި ގާތިލު މީހާ ދުނިޔޭގައި ހުރުމުގެ ހައްގު އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ދެން ބާކީ ތިބި މީހުންވެސް މަރަން ހެއްޔެވެ؟ ބޯގޯސް ސޭކުވާހަކަ ނުދައްކާށެވެ.

ކުޅިވަރުން ޑިގުރީއެއް ނަގައިގެން އުޅޭ ހާމިދު ނޫނަސް ދިރާސާތައް އަހުރެންވެސް ހެދީމެވެ. އަދި ހާމިދު ކިޔަވަން އުޅުނު ޔުނިވަސިޓީވެސް ހަމަ ލޮލުން ދުށީމެވެ. މަރުގެ އަދަބު ތަންފީޒުކުރާ ބަޔެއް ތަންތަނުގައި އެކަމުގެ އަސަރު ނުފެނެއޭ ބުނާއިރު އެތަންތަނުގައި މީހުން މަރާމީހުންނަށް މަރުގެ އަދަބު އެސިޓީތަކުގައި ދެވޭކަންވެސް ނޭގޭކަމަށް އެމެރިކާގައި ހަދާފައިވާ ދިރާސާތަކުން ދައްކައެވެ. އެހެން ނޫނަސް މަރުގެ އަދަބު ދިނުމުން ދެކަމެއް ޔަގީންވާނެއެވެ. ފުރަތަމައީ އެމީހާ އެހެން މީހަކު މަރާކަށް ދުނިޔޭގައި ނުހުންނާނެކަމެވެ. ދެވަނަ ކަމަކީ އެވެނި މީހަކަށް މަރުގެ އަދަބު ދެވިފައިވަނީ މީހަކު މަރައިގެންކަމަށް އެހެން މީހުންނަށް އެނގުމާއި މީހުން މަރާމީހުންނަށް އޮތީ އެގޮތްކަން އެހެން މީހުންނަށް އެނގޭނެއެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "މަރުގެ އަދަބު ދިނުމާ އެމްޑީޕީއިން ދެކޮޅު ހަދައިފި"